އަލީ އަޝްފާގު (ދަގަނޑޭ)

ބޮޑު ފަރަގަކާއެކު ދަގަނޑޭގެ ގޯލް އެއްވަނަ އަށް

އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލް ހޮވަން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ) އިން ހުޅުވާލި ފުރުސަތުގައި ބޮޑު ފަރަގަކާއެކު އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލްގެ ގޮތުގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑު ހޮވިއްޖެ އެވެ.

އޭއެފްސީ ކަޕްގައި ޖެހި މޮޅު ސޯލޯ ގޯލްތަކެއް ނޮމިނޭޓް ކުރުމަށް ފަހު އޭއެފްސީން ވަނީ އާންމުންގެ ވޯޓަށް ހުޅުވާލާފަ އެވެ. އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ވޯޓް ދިނުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވިއިރު އަޝްފާގްގެ ގޯލް އެއް ވަނަ ގޯލަށް ހޮވުނީ 54 ޕަސެންޓް ވޯޓާއެކު އެވެ. އެއީ ދެ ވަނައަށް ދިޔަ އިންޑިއާގެ ބަލްވަތު ސިންހަށް ވުރެ 32 ޕަސަންޓްގެ ކުރި އެރުމެކެވެ.

އަޝްފާގްގެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި އަޝްފާގް ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ.

މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 ންނެވެ. ނިއު ގެ ހަތް ލަނޑުގެ ތެރެއިން ހަ ލަނޑު ކާމިޔާބުކޮށް އަޝްފާގް ވަނީ ދެ ހެޓްރިކު ހަދާފަ އެވެ. ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ.

އެންމެ މޮޅު ގޯލް ހޮވުމުގެ ވޯޓްގެ ނަތީޖާ

  • 1. އަލީ އަޝްފާގް (ނިއު ރޭޑިއަންޓް) 54 ޕަސަންޓް ވޯޓް
  • 2. ބަލްވަތު ސިންހް (ޗާޗިލް ބްރަދާސް) 22 ޕަސަންޓް ވޯޓް
  • 3. ބޯޒް ސޮލޯސާ (ޕަސިޕޫރާ ޖަޔަޕޫރާ) 17 ޕަސަންޓް ވޯޓް
  • 4. މުހައްމަދު ފައުޒީ ހައިދަރު (ސޮފާ އެފްސީ) 6 ޕަސަންޓް ވޯޓް
  • 5. އިމޭނިއަލް އުޒޫޗޮކްވޫ (ޔޮންގޮން ޔުނައިޓަޑް) 1 ޕަސަންޓް ވޯޓް

އޭއެފްސީން ނޮމިނޭޓް ކޮށްފައި ވަނީ، އެ މެޗުގައި ޕާސިބޯގެ އޭރިއާގެ ތެރޭގައި އަޝްފާގް ބޭނުންހާ ގޮތެއް ހަދާލައި ވައްދާލި ލަނޑެވެ. އެ ލަނޑުޖަހަން އުމޭރު އަޝްފާގަށް ބޯޅަ ދިނީ ޕާސިބޯގެ ހާފުގެ ތެރޭގައި އަޝްފާގް އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް ހުއްޓަ އެވެ. ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އަޝްފާގް އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރު ދުވެފައި އާދެ އެވެ.

އެ ތިން ޑިފެންޑަރުންނަށް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދަން ވިއްދުނީ، ޕާސިބޯގެ ކީޕަރު ނައްޓާލައި އަޝްފާގް ހުސްކޮށް ގޯލް އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ޕާސިބޯގެ ކީޕަރާއި ތިން ޑިފެންޑަރުން ހިމޭނޭގޮތަށް ޖުމުލަ ހަތަރު ކުޅުންތެރިންގެ ކައިރިން ހަ ފަހަރު އަޝްފާގް ބޯޅަ ނައްޓާލި އެވެ.

އިންޑިއާގެ ޗާޗިލް ބުރަދާސްގެ ފޯވަޑް ބަލްވަތު ސިންހް ސިންގަޕޫރުގެ ހޯމް ޔުނައިޓަަޑް ކޮޅަށް 2014 ގެ އޭއެފްސީ ކަޕްގައި ކާމިޔަބު ކުރި ލަނޑަށް ލިބުނީ 22 ޕަސަންޓް ވޯޓެވެ. ތިން ވަނަ އަށް ދިޔައީ، އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރާ އިން ސިންގަޕޫރުގެ ވެރިއާސް އެފްސީ އާ ދެކޮޅަށް ކުޅުނު މެޗުގައި ޕަސިޕޫރޯގެ އިންޑޮނޭޝިއާގެ ފޯވަޑް ބޯޒް ސޮލޯސާ ކާމިޔާބުު ކުރި ލަނޑެވެ. އެ ލަނޑަށް ލިބިފައި ވަނީ 17 ޕަސަންޓް ވޯޓެވެ.

ހަތަރު ވަނައިގައި ހިމެނުނީ ލުބުނާންގެ ސޮފާ އެފްސީން ކުވައިތުގެ ކުވައިތު އެފްސީއާ ދެކޮޅަށް 2013 ވަނަ އަހަރު ކުޅުނު މެޗުގައި ސޮފާ އެފްސީ މުހައްމަދު ފައުޒީ ހައިދަރު ކާމިޔާބު ކުރި ލަނޑެވެ. އެ ލަނޑަށް ލިބިފައި ވަނީ ހަ ޕަސަންޓް ވޯޓެވެ. ފަސް ވަނައިގައި ހިމެނުނު މިޔަންމާގެ ޔޮންގޮސް ޔުނައިޓަޑުން 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ބާލީ ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗުގައި ޔޮންގޮންގެ ނައިޖީރިއާ ފޯވަޑް އިމޭނިއަލް އުޒޫޗޮކްވޫ ކާމިޔާބު ކުރި ލަނޑަށް ލިބުނީ އެއް ޕަސަންޓް ވޯޓެވެ.