އޭއެފްސީ ކަޕް ބުރެކެޓް ޗެލެންޖު އޭއެފްސީން އިއުލާން ކުރީ މިދިޔަ މަހު 11 ގަ އެވެ. ރާއްޖެއަށް ވުރެ އެތައް ގުނާ އާބާދީ ބޮޑު ގައުމުތަކާ ވާދަ ކޮށް ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ފައިނަލާ ހަމަށް ގެންދިއުމަށް ދިވެހިން ކުރި ދިގު ދަތުރެކެވެ. އަޝްފާގްއަށް ވޯޓް ހޯދަން ވައިބާ ކޮމިޔުނިޓީ އާއި ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި ވަރުގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންދިޔަ އެވެ. ރަށްރަށުގެ ވައިބާ ގުރޫޕްތަކާއި އެކި ކޮމިޔުނިޓީތަކަށް ނިސަބްތަވާ ގުރޫޕްތަކުގައި ވޯޓް ހޯދުމުގެ ކެމްޕޭންގެ ޕޯސްޓްތައް ދައުރު ކުރަމުން ދިޔަ އެވެ. ކޮންމެ ބަޔަކުވެސް މިކަން ނެގީ ގައުމީ ކަމެއްގެ ގޮތުގަ އެވެ. ދިވެހިންނަށް ލިބޭނެ އަދި ލިބުނު ފަހްރެއްގެ ގޮތުގަ އެވެ.
ސެމީ ފައިނަލަށް ދިއުމުން އަޝްފާގްވެސް ވަނީ، އޭނާގެ ޝުކުރު ދިވެހިންނަށްޓަކައި ބަނޑުން ކޮށްލާފަ އެވެ. "ސެމީ ފައިނަލް ބުރު ވޯޓް ކާމިޔާބު ކޮށް ފައިނަލު ބުރަށް ދަތުރު ކުރުމަށް ރެއާ ދުވާލު ވޯޓް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން." އޭއެފްސީ ކަޕް ބުރެކެޓް އަޝްފާގް އޭނާގެ ފޭސްބުކް ޕޭޖުގައި ފައިވެއެވެ. އަދި ގައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދޭން ލިބޭ ކޮންމެ ފުރުސަތެއް ބޭނުން ކުރުމަކީ އޭނާގެ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭނެ ކަމަށް އަޝްފާގް ވަނީ ލިޔެފަ އެވެ.
އޭއެފްސީ ކަޕްގެ ސޯލޯ ގޯލް ކެޓަގަރީގެ އެއް ވަނައަށް ދިޔަ އަޝފާގްގެ ލަނޑު ވަނީ ބުރެކެޓް ޗެލެންޖުގެ އެކި ކެޓަގަރީތަކުގައި ވާދަ ކޮށް ކާމިޔާބު ހޯދާފަ އެވެ. ސޯލޯ ގޯލްގެ ކެޓަގަރީންވެސް އަޝްފާގް ކާމިޔާބު 54 ޕަސަންޓް ވޯޓުންނެވެ. އެއީ ދެ ވަނައަށް ދިޔަ އިންޑިއާގެ ބަލްވަތު ސިންހަށް ވުރެ 32 ޕަސަންޓްގެ ކުރި އެރުމެކެވެ.
ބުރެކެޓް ޗެލެންޖުގެ ކުއާޓާ ފައިނުލުގައި ވިއެޓްނާމްގެ ނެގުޔެން ވަން ކްއޭޓް ވަނީ އަޝްފާގަށް ވަރުގަދަ ޗެލެންޖެއް ދީފަ އެވެ. އެހެންނަމަވެސް އަޝްފާގް ސެމީއަށް ދަތުރު ކުރި 135،000 ވުރެ ގިނަ ވޯޓް ހޯދައިގެންނެވެ. ސެމީ ފައިނަލުގައިވެސް އަޝްފާގް އާ ވާދަ ކުރީ ވިއެޓްނާމްގެ ކުޅުންތެރިޔެކެވެ. އެގައުމުގެ ހެނާއީ އެފްސީގެ މިޑްފީލްޑާ ނިގްއެން ކްއާންގް ހައި އެވެ. ސެމީ ފައިނަލު ބުރުގައި އަޝްފާގްއަށް ލިބުނު ވޯޓްގެ އަދަދު ބޮޑުތަނުން މަތި ވާނެ ކަމަށް ބެލެވެ އެވެ. ކްއާޓާ އާއި ސެމީގައި ވިއެޓްނާމްގެ ދެ ކުޅުންތެރިން ބަލި ކުރުމުގެ ކުރިން ގުރޫޕް ސްޓޭޖާއި ނޮކައުޓް ބުރުގައި އަޝްފާގް ވަނީ ކުވައިތު ސްޕޯޓްސް ކުލަބުގެ ބްރެޒިލްގެ ފޯވަޑް ރޮގެރީނޯ އަދި އޭގެ ފަހުން ޑާކާ އަބަހާނީގެ ބަންގުލަދޭޝްގެ މިޑްފީލްޑާ ސޯހެލް ރާނާ ބަލި ކޮށްފަ އެވެ.
އަޝްފާގްގެ ލަނޑަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ކާމިޔާބު ކުރީ އާދަޔާ ހިލާފް މޮޅު ލަނޑެކެވެ. މާޗް 2013 ގައި ޕާސިބޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗު، ނިއު އިން ކާމިޔާބު ކުރީ 7-0 އިންނެވެ.
އެ ލަނޑުޖަހަން މުހައްމަދު އުމޭރު، އަޝްފާގަށް ބޯޅަ ދިނީ ޕާސިބޯގެ ހާފުގެ ތެރޭގައި އަޝްފާގް އޮފްސައިޑް މަޅިން ނެއްޓި ހުސްކޮށް ހުއްޓަ އެވެ. ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އަޝްފާގް އޭރިއާ ތެރެއަށް ވަންނަން ދިޔައިރު އޭނާގެ ފަހަތުން ޕާސިބީގެ ތިން ޑިފެންޑަރު ދުވެފައި އާދެ އެވެ. އެ ތިން ޑިފެންޑަރުންނަށް އޭރިއާ ތެރެއަށް ވަދެ ބޯޅަ ހޯދަން ވިއްދުނީ، ޕާސިބޯގެ ކީޕަރު ނައްޓާލައި އަޝްފާގް ހުސްކޮށް ގޯލް އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ޕާސިބީގެ ކީޕަރާއި ތިން ޑިފެންޑަރުން ހިމޭނޭގޮތަށް ޖުމުލަ ހަތަރު ކުޅުންތެރިންގެ ކައިރިން ހަ ފަހަރު އަޝްފާގް ބޯޅަ ނައްޓާލި އެވެ.
ފައިނަލު ބުރުގައި، އަޝްފާގް އާ ވާދަ ކުރަނީ ހޮންކޮންގްގެ ސައުތު ޗައިނާ އެޓުލެޓިކް އެސޯސިއޭޝަނަށް ކުޅުނު ޗަން ސިއުކީ އެވެ. އޭއެފްސީން ހިމަނާފައިވާ އޭނާގެ ގޯލަކީ އޭއެފސީ ކަޕް 2015 ވަނަ އަހަރު އެޑިޝަންގައި މެލޭޝިއާގެ ޕަހަންގް އެފްސީ ކޮޅަށް ހިލޭ ޖެހުމުން އޭނާ ޖެހި ލަނޑެވެ.
އޭނާ އާ ދެކޮޅަށް ފައިނަލުގައި އަޝްފާގް ނުކުންނައިރު، ދިވެހިންނަށް ބޮޑު އުންމިދެއް އެބައޮތެވެ. ބުރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ދިޔަ އަނެއް ތިން ކުޅުންތެރިންނަށް ވުރެ އަޝްފާގް ވޯޓް އުޅެނީ މާ ކުރީގަ އެވެ. ހަތަރު ކުޅުންތެރިން އެއް ޕޯލެއްގައި ހިމަނައި ފައިނަލަށް ދާނީ ކޮން ކުޅުންތެރިންނެއް ތޯ އެހުމުން 96.58 ޕަސަންޓް ވޯޓް ދީފައިވަނީ ދަގަނޑޭއަށެވެ. ދެންތި ތިން ކުޅުންތެރިންނަށް ފަސް ޕަސަންޓަށް ވުރެ މައްޗަށްވެސް އެ ޕޯލްގައި ކާމިޔާބު ހޯދިފައެއް ނުވެ އެވެ.