އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސް އަތުން ޓީސީ ސްޕޯޓްސް ކުލަބު 5-1 ގެ ނަތީޖާއަކުން ބަލި ވެއްޖެ އެވެ.
މެޗުގައި ޓީސީގެ ލަނޑު 21 ވަނަ މިނެޓްގައި ޕެނަލްޓިއަކުން ތަނަވަސްވި ފުރުސަތަކުން ކާމިޔާބު ކުރީ އިސްމާއީލް އީސާ އެވެ. އެ ޕެނަލްޓީ އަކީ މެޗުގެ 20 ވަނަ މިނެޓްގައި ބޮށުންދަރާގެ ޕެނަލްޓި އޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރުން ޓީސީގެ އަލީ އަޝްފާގް (ދަގަނޑޭ) ވައްޓާލުމުން ދިން ޕެނަލްޓި އެކެވެ. އިސްމާއީލް އެ ޕެނަލްޓީ ފޮނުވާލުމުން، ބޮށުންދަރާގެ ކީޕަރު އަނީސުއް ރަހްމާން އެ ޕެނަލްޓީ ދިފާއު ކުރުމުން ބޯޅަ ރީބައުންސް ވިއެވެ. ރީބައުންސްވި ބޯޅަ އިސްމާއީލް އީސާ ގޯލަށް ފޮނުވާލި އެވެ.
އޭގެ ތިން މިނެޓް ކުރިން، ބޮށުންދަރާއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެޓީމުގެ ލަނޑު ކާމިޔާބު ކުރީ އާޖެންޓީނާގެ ފޯވަޑް އެރުނޮން ބާކޯސް އެވެ. ބޮށުންދަރާގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކުރީ އޭނާ އެވެ.
އިސްމާއީލް އީސާ ކާމިޔާބު ކުރި ލަނޑާއެކު ޓީސީއަށް ނަތީޖާ ހަމަހަމަ ކޮށްލައިގެން އޮވެވުނީ ފަސް މިނެޓެއްހާއިރު އެވެ. މެޗުގެ 26 ވަނަ މިނެޓްގައި ބާކޯސް ވަނީ، ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ކޯޗް ކޮށްދޭ ބޮށުންދަރާއަށް މެޗުގެ ލީޑް އަލުން ނަގައި ދީފަ އެވެ.
އެ ނަތީޖާއިން ފުރަތަމަ ހާފު ނިމި ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި، ޓީސީއަށް އަނެއްކާވެސް ޕެނަލްޓީ އެއް ލިބި، ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ލިބުނެވެ. މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކީ ޓީސީގެ މިސްރުގެ ޑިފެންޑަރު މަހުމޫދު އަލް ސައީދުއަށް ބޮށުންދަރާގެ ޕެނަލްޓި އޭރިއާގެ ތެރެއިން އެ ޓީމުގެ އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް ޑެލްމޮންޓޭ ފައުލު ކުރުމުން ދިން ޕެނަލްޓި އެކެވެ.
ޓީސީން މިފަހަރުވެސް ޕެނަލްޓީ ޖަހަން ދިޔައީ އިސްމާއީލް އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ މިފަހަރުވެސް ބޮސުންދަރާގެ ކީޕަރު އަނީސް ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރި ބޯޅަ ދިޔައީ ބޭރަށެވެ.
އެހެންނަމަވެސް ރޮނގު ބަލަހައްޓަން ހުރި ލައިސްމަންއާ ވާހަކަ ދެއްކުމަށް މެޗުގެ ރެފްރީ ނިންމީ އަލުން ޕެނަލްޓީ ޖެހުމަށެވެ. އެއީ ޕެނަލްޓި ޖެހުމުގެ ކުރިން ކީޕަރު އަނީސް ލައިނަށް ވުރެ ކުރިއަށް ނުކުތުމުންނެވެ. އަލުން ޕެނަލްޓީ ޖަހަން އެނގުމުން އީސަ ފޮނުވާލި ޕެނަލްޓީވެސް އަނީސް ދިފާއު ކުރި އެވެ.
ބޮށުންދަރާ ކިންގްސްގެ ތިން ވަނަ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ބޮކާސް އެވެ. އެއީ މެޗުގެ 68 ވަނަ މިނެޓްގަ އެވެ. މެޗުގެ 76 ވަނަ މިނެޓްގައި ބޮށުންދަރާގެ ބިޝްވަނަތު ގޯޝް ޓީސީގެ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ޓިސީގެ ގޯލްގެ ބޮލުން ތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ ކޮސްޓަރިކާގެ މިޑްފީލްޑާ ޑެނިއަލް ކޮލިންޑްރެސް އެވެ. ބޮށުންދަރާގެ ފަސް ވަނަ ލަނޑު ބާކޯސް ކާމިޔާބު ކުރީ، މެޗުގެ 92 ވަނަ މިނެޓްގަ އެވެ.