އޭއެފްސީ ކަޕް

ފަހުވަގުތު ޗެންނާއީއިން މާޒިޔާއާ އެއްވަރުކޮށްފި

އިންޑިއާގެ އައި ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއީ ސިޓީ އެފްސީން އާއި މާޒިޔާ ކުޅުނު މެޗު ފަހު ވަގުތުގައި 2-2 ން އެއްވަރު ވެއްޖެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19، އިންޑިއާގެ ޓެމިލްނާޑޫއިންވެސް ފެނުމާ ގުޅިގެން މެޗު ކުޅެވިދާނެ ކަމާމެދު އިންޑިއާގެ މީޑިއާއިން ސުވާލުވެސް އުފެއްދި އެވެ.

ޗެންނާއީގެ ޖަވާހަރުލާލް ނެހެރޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެންނާއީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑް ނަގާފަ އެވެ. މެޗުގެ 11 ވަނަ މިނެޓްގައި ސްޕެއިންގެ ފޯވަޑް އަޑޮލްފޯ މިރަންޑާ (ފިޓޯ) ކާމިޔާބު ކުރީ ޑިފެންޑަރު އަޖީތު ކުމާރު ދިން ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި ގޯލްގެ ހަނި އޭންގަލުން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

މާޒިޔާގެ އަފްގާނިސްތާންގެ ކީޕަރު އޮވިއަސް އަޒީޒީގެ ބަދަލުގައި ގޯލް ބެލެހެއްޓީ، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ހުސައިން ޝަރީފެވެ. ފިޓޯ ބޯޅަ ހިފައިގެން ހަނި އޭންގަލުން އަރައި ގޯލްތެރެއަށް ވައްދާލިރު، އެ ބޯޅަ ސަލާމަތް ކުރަން އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

މާޒިޔާއިން ނަތީޖާ ބަދަލު ކުރީ، ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގެނައި ބަދަލުތަކުންނެވެ. މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 64 ވަނަ މިނެޓްގައި ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ކާމިޔާބު ކުރި ލަނޑުންނެވެ. މާޒިޔާއަށް ލިބުނު ހިލޭޖެހުން ހަމްޒާ މުހައްމަދު (ހަމްޕް) އޭރިއާ ތެރެއަށް ނަގައިދިނުމުން، އިރޭ ވަނީ ބޮލުން ފޮނުވާލައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަފަ އެވެ.

މާޒިޔާގެ ދެ ވަނަ ލަނޑު ޖެހުމުގައިވެސް، ހަމްޒާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ދެ ވަނަ ލަނޑު އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކާމިޔާބު ކުރީ އޭރިއާ ތެރެއިން ހުސައިން ނިހާން (ނިހާޓް) ދިން ބޯޅައިންނެވެ. ނިހާޓްއަށް އެ ބޯޅަ ދިނީ ހަމްޕް ވަރަށް ބަލާފައި ދިން ޕާހުންނެވެ.

ޗެންނާއީން ނަތީޖާ ހަމަހަމަ ކުރި ލަނޑު ފިޓޯ، މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޗެންނާއީއިން ފޮނުވާލި ހިލޭޖުން ކީޕަރު ހުސައިން ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ހުސައިން އަލުން ހޯދުމުގެ ކުރިން ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.