ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ ޓްރޭނިންތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމުން އޭއެފްސީ ކަޕަށް ތައްޔާރުވާ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަންގެ ޓްރޭނިންތައް ފަށައިފި އެވެ.
އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ކުޅޭ ދެކުނު އޭޝިއާ ޒޯންގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ބާކީ މެޗުތަކަށް ތައްޔާރުވާން ވަގުތު ކުޑަތަން ވުމުން ޕްރެކްޓިސް ފެށުމުގެ ހުއްދައަށް އެދި މާޒިޔާއިންވެސް އެޗްޕީއޭގެ ކިބައިން އެދުނެވެ. ކޮވިޑް-19 ހާލަތު މާލެ ތެރޭގައި އިތުރަށް ގޯސްވާން ފެށުމުން އެޗްޕީއޭއިން ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މަޑުޖައްސާލަން އޯގަސްޓް ދެ ވަނަ ދުވަހު އަންގާފަ އެވެ. ޕްރެކްޓިސް ފެށުމުގެ ހުއްދަ ދީފައި ވަނީ އެފްއޭއެމްއިން ތައްޔާރު ކުރި ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރިއަށް ގެންދިއުމަށެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ގައުމީ ފެންވަރުގެ ޕްރެކްޓިސް ވަކި ގައިޑްލައިނަކުން ގެންދާނެކަން ހާމަ ކޮށް އެފްއޭއެމުން ތައްޔާރު ކުރި ގައިޑްލައިން އެޗްޕީއޭއަށް ފޮނުވުމުން ، އެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދީފައިވާކަން އެޗްޕީއޭއިން އެފްއޭއެމްއަށް އެންގި ކަމަށެވެ. އެޗްޕީއޭގެ އޮފިޝަލް ވިދާޅުވީ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެ އެތޯރިޓީން ދީފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އަދިވެސް މަނާކޮށްފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން މިއަހަރު ދެ ޓީމު ވާދަ ކުރެ އެވެ. ރާއްޖެއިން ވާދަ ކުރާ ދެ ވަނަ ޓީމު ޓީސީ ސްޕޯޓްސް ކުލަބުގެ ޕްރެކްޓިސް އަންނަ ހަފުތާގައި ފެށުމަށް މަސައްކަތް ކުރާ ކަމަށް އެ ކުލަބުގެ އޮފިޝަލަކު ބުންޏެވެ.
އޭއެފްސީ ކަޕަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ވަނީ، މިދިޔަ ސީޒަންގައި ކުލަބު ގްރީން ސްޓްރީޓަށް ކުޅުނު މުހައްމަދު އުމޭރުގެ ސޮއި ހޯދާފަ އެވެ. މީގެ އިތުރުން ޓީސީއަށް ކުޅުނު ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މިޑްފީލްޑާ އިސްމާއީލް އީސާ، ގްރީންގެ މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) ވަނީ އެ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށާފަ އެވެ. އަދި އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގައި އެއްވެސް މެޗެއް ކުޅެފައި ނުވާ ގްރީންގެ ކުރީގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ) ވެސް މާޒިޔާގެ ޕްރެކްޓިހަށް ނުކުންނަން ވަނީ ފަށާފަ އެވެ. އެ ހަތަރު ކުޅުންތެރިން އަދި މާޒިޔާ އަށް ސޮއި ކޮށްފައެއް ނުވެ އެވެ.
އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ޓީސީ ޖާގަ ހޯދީ 2018 ވަނަ އަހަރުގެ ލީގް ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. އެ އަހަރުގެ ލީގް ރަނަރަފް ޓީމު ކަމަށް ވުމުން މާޒިޔާ ޖެހުނީ ކޮލިފައިންގެ ދެ ބުރު ކުޅޭށެވެ. މާޒިޔާ ގުރޫޕް ސްޓޭޖަށް ކޮލިފައިވީ ޕްރިލިމިނަރީ ބުގައި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ބަލިކޮށް އަދި ޕްލޭއޮފްގައި އިންޑއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކޮށްގެންނެވެ.
މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން މާޒިޔާއަށް އަށް ހޯދައިން ކޯޗް މެސަޑޯނިއާގެ މަރުޔާން ސެކްލޮވްސްކީގެ ކޯޗް ކަމުގެ ދަށުން މާޒިޔާއިން ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގައި ޗެންނާއީ ސިޓީ އާ 2-2 ން އެއްވަރު ކޮށްފަ އެވެ. އެ މެޗުގައި މާޒިޔާއިން ކުޅުނު ހައި ޓެމްޕޯ ގޭމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތައުރީފް ކުރި އެވެ. ސެކްލޮވްސްކީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މާޗް މަހުގެ ނިޔަލަށް ހަމަވުމުން މާޒިޔާއިން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ރާއްޖޭގައި ތިން މަސް ދުވަހު ލޮކްޑައުންގައި ހުރުމަށް ފަހު އޭނާ އަމިއްލަ ގައުމަށް ދިޔައީ ޖޫން މަހު އެވެ.
ޖުލައި މަހު މާޒިޔާގެ ކޯޗް ކަމާ ހަވާލުވި ހަވާލުވީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިން މުހައްމަދު ނިޒާމް އެވެ. މިއީ އޭއެފްސީ ކަޕްގައި އޭނާގެ ދެ ވަނަ ތަޖުރިބާއަށް ވާނެ އެވެ. އޭއެފްސީ ކަޕްގައި އޭނާ ފުރަތަމަ ތަޖުރިބާ އަކީ 2018 ވަނަ އަހަރު ޓީސީ ގޮވައިގެން ޕްލޭއޮފް ބުރާ ހަމައަށް ދަތުރު ކުރުމެވެ. ޕްރިލިމިނަރީ ބުރުގައި ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައި ޕްލޭއޮފް ބުރުން ޖާގަ ހޯދި އެވެ. ޕްލޭއޮފްގައި އޭނާ އަށް ނާކާމިޔާބުވީ ބެންގަލޫރު އަތުންނެވެ. ސައިފް ސްޕޯޓްސް ކުލަބަށް އޭނާ ވަނީ މިދިޔަ އަހަރު ކޯޗް ކޮށްދީފަ އެވެ.
ދެކުނު އޭޝިއާ ޒޯން، ނުވަތަ ގުރޫޕް އީގެ ބާކީ ހުރި މެޗުތައް މާލޭގައި ކުރިއަށް ދާނީ އޮކްޓޯބަރު 23 ން ނޮވެމްބަރު ހަތަރަކަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތަކުގައި ކޮންމެ މެޗުޑޭ އެއްގައި ހަވީރާއި ރޭނގަނޑު މެޗުތައް ކުޅޭނެ އެވެ.