އެޗްޕީއޭއިން ދިން ކޮންމެ ގައިޑްލައިނަކަށް ތަބާވާނެ ކަމުގެ ޔަގީންކަން ދޭކަން ހާމަކޮށް، ޓީމުގެ ޕްރެކްޓިސް ފެށުމުގެ ހުއްދައަށް އެދި އޭއެފްސީ ކަޕްގައި ވާދަ ކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން، ރަސްމީ ފަރާތްކަށް ހުށަހަޅައިފި އެވެ.
މާޒިޔާގެ އޮފިޝަލް ވިދާޅުވީ އޭއެފްސީ ކަޕާ ދެމެދު މިހާރު އޮތް މުއްދަތައް ބަލައި ޕްރެކްޓިސް ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ބަންގުލަދޭޝްގެ ހާލަތު ރާއްޖެއަށް ވުރެ ގޯސްކޮށް އޮތްއިރުވެސް، އޭއެފްސީ ކަޕްގައި އެ ގައުމުން ވާދަ ކުރާ ބޮށުންދަރާ ކިންގްސްގެ ޕްރެކްޓިސް ފެށުމަށް އެ ކުލަބުން މިހާރު ތައްޔާރު ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެއީ ރާއްޖެއަށްވުރެ ހާލަތު ގޯސް ކޮށް އޮތް ގައުމެއް، އެހެންނަމަވެސް ބޮށުންދަރާ ކިންގްސްގެ ޕްރެކްޓިސް ފެށުމަށް މިހާރު ވަނީ ތައްޔާރު ވެފަ، އަޅުގަނޑުމެންވެސް އެޗްޕީއޭގެ ކިބައިން އެދިފައި ވަނީ އެޗްޕީއޭއިން ދިން ކޮންމެ ގައިޑްލައިނަކަށް ތަބާވެ ޓްރޭނިން ފެށުމަށް މާޒިޔާއިން ތައްޔާރަށް އޮތް ކަމަށް."
އޭނާ ވިދަޅުވީގައިޑްލައިން ހަރުކަށި ކޮށްގެންވެސް ފުޓްބޯޅައިގެ ގައުމީ ފެންވަރުގެ ޕްރެކްޓިސް ފެށޭނެ ގޮތެއް ހަމަޖެހިގެން ދިއުމަށް އުންމީދު ކުރާ ކަމަށެވެ.
މިކަމާ ބެހޭގޮތުން މާޒިޔާއިން އިތުރަށް ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައި ވަނީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު ކުލަބުގެ ޕްރެކްޓިސް ފެށުމަށް މާޒިޔާއިން އޮތީ ތައްޔާރަށް ކަމަށާއި އޭއެފްސީ ކަޕަށް އެންމެ ރަނގަޅަށް ތައްޔާރު ވެވެނީ އެކަށީގެންވާ ވަގުތު ލިބިގެން ކަމަށެވެ.
"އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ބާކީ އޮތް މެޗުތައް ރާއްޖޭގައި ބާއްވާއިރު މި ކްލަބުގެ ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އަށް ޓެގްކުރައްވައި މާޒިޔާގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި ލިޔެފައި ވެއެވެ.
"ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ފަރިތަކުރުންތައް ފެށުމަށް މި ކްލަބް އޮތީ ތައްޔާރަށް. ފަރިތަކުރުންތައް ފެށުމަށް ކޮންމެވެސް ގޮތެއް ކަމާބެހޭ އިދާރާތަކުން ހޯދައިދުނުމަކީ މި ކްލަބުގެ ވަރަށް ބޮޑު އެދުމެއް. އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން."
އޭއެފްސީ ކަޕްގެ އާ ފޮމެޓަށް 2017 ވަނަ އަހަރު އަމަލު ކުރަން ފެށި ފަހުން، މިއަހަރަކީ ރާއްޖެއިން ދެ ޓީމު އޭއެފްސީ ކަޕްގައި ވާދަ ކުރާ ފުރަތަމަ އަހަރެވެ. މާޒިޔާގެ އިތުރުން ދެން ވާދަ ކުރަނީ ޓީސީ ސްޕޯޓްސް ކުލަބެވެ. މާޒިޔާ އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ އެ މުބާރާތުގެ ކުރީގެ ފައިނަލިސްޓް އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލި ކުރުމަށް ފަހު އެވެ.
މިދިޔަ ސީޒަންގައި، މާޒިޔާއަށް ކޯޗް ކޮށްދިން މެސަޑޯނިއާގެ މަރުޔާން ސެކްލޮވްސްކީގެ ކޯޗް ކަމުގެ ދަށުން މާޒިޔާއިން ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގައި ޗެންނާއީ ސިޓީ އާ 2-2 ން އެއްވަރު ކޮށްފަ އެވެ. އެ މެޗުގައި މާޒިޔާއިން ކުޅުނު ހައި ޓެމްޕޯ ގޭމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ތައުރީފް ކުރި އެވެ. ސެކްލޮވްސްކީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް މާޗް މަހުގެ ނިޔަލަށް ހަމަވުމުން މާޒިޔާއިން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ރާއްޖޭގައި ތިން މަސް ދުވަހު ލޮކްޑައުންގައި ހުރުމަށް ފަހު އޭނާ އަމިއްލަ ގައުމަށް ދިޔައީ ޖޫން މަހު އެވެ.
މިދިޔަ މަހު މާޒިޔާގެ ކޯޗް ކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިން ކޯޗް މުހައްމަދު ނިޒާމް އެވެ. ދެކުނު އޭޝިއާ ޒޯން، ނުވަތަ ގުރޫޕް އީގެ ބާކީ ހުރި މެޗުތައް މާލޭގައި ކުރިއަށް ދާނީ އޮކްޓޯބަރު 23 ން ނޮވެމްބަރު ހަތަރަކަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުތަކުގައި ކޮންމެ މެޗުޑޭ އެއްގައި ހަވީރާއި ރޭނގަނޑު މެޗުތައް ކުޅޭނެ އެވެ.