ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިއޮރެންޓީނާ އާއި ސަމްޕްޑޯރިއާގެ ޕްލޭޔަރުން ޕޮޒިޓިވް

އިޓާލިއަން ލީގްގެ ފިއޮރެންޓީނާ އާއި ސަމްޕްޑޯރިއާގެ ބައެއް ކުޅުންތެރިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ސަމްޕްޑޯރިއާގެ ފަސް ކުޅުންތެރިޔަކު އެ ރޯގާއަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި ފިއޮރެންޓީނާގެ ކުޅުންތެރިޔަކު ވެސް ޕޮޒިޓިވް ވުމުން ސޭރިއާގެ ހަތް ކުޅުންތެރިޔަކު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި ކަން ކަށަވަރު ވެފަ އެވެ.

އިޓާލިއަން ލީގުން އެންމެ ފުރަތަމަ ވައިރަސް ފެނިފައި ވަނީ، ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީގެ ގައިންނެވެ. އެއަށް ފަހު ސަމްޕްޑޯރިއާގެ ސްޓައިކަރު މަނޯލާ ގަބިއަޑީނީގެ ކިބައިން ވެސް ވައިރަސް ފެނުނެވެ. މިހާރު އެ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިޔަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެއީ ޑިފެންޑަރު އުމަރު ކޮލޭ އާއި މިޑްފީލްޑަރު އަލްބިން އެކިޑާލް އާއި ފޯވަޑް އެންޓޯނިއޯ ލަގޫމީނާ އަދި މިޑްފީލްޑާ މޯޓެން ތޯސްބީ އެވެ. އެ ފަސް ކުޅުންތެރިންގެ އިތުރުން، ކުލަބުގެ މެޑިކަލް ޓީމުގައި ހިމެނޭ ޑރ. އެމެޑެއޯ ބަލްޑާރީ ވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.

ފިއޮރެންޓީނާއިން ވެސް ވަނީ، އެ ކުލަބުގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފަ އެވެ. އެ ޓީމުގެ ސާބިއާ ސްޓައިކަރު ޑޫސަން ވްލޮހޮވިޗް ވައިރަހަށް ޕޮޒިޓިވް ވިކަން އެ ކުލަބުން ރޭ އިއުލާން ކުރި އެވެ.

މިހާރު، އިޓަލީގެ ޔުވެންޓަސް، ސަމްޕްޑޯރިއާ އަދި ފިއޮރެންޓިނާގެ ޓީމަށް ވެސް ވަނީ ކަރަންޓީންގައި ތިބެން އަންގާފަ އެވެ. އިޓަލީގެ ސަރުކާރުން ވަނީ އެގައުމުގައި ބާއްވާ ހުރިހާ ކުޅިވަރު މުބާރާތެއް ހުއްޓުވާފަ އެވެ. އިޓާލިއަން ލީގް ހުއްޓާލީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

ޗައިނާއަށް ފަހު، ވައިރަސްގެ ނުރައްކާ އެންމެ ބޮޑަށް އޮތީ އިޓަލީގަ އެވެ. އެ ގައުމުން 15000 މީހުންނަށް ވައިރަހުގެ އަސަރު ކުރިއިރު ގާތްގަނޑަކަށް 1000 މީހުން ވަނީ މަރުވެފަ އެވެ.