މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ނޭޕާލްއިން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް މި ހިދުމަތް ވަގުތީގޮތުން ހުއްޓާލައިފި އެވެ.
ނޭޕާލުން މިހާތަނަށް އެ ވައިރަހަށް ޕޮޒިޓިވްވި އެކަކު ފެނިފައިވާއިރު، އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް މި ހިދުމަތް ހުއްޓާލާފައިވަނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނޭޕާލުން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޭޕާލްއަށް ޒިޔާރަތް ކުރާނަމަ ކޯވިޑް-19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް (ނޭޕާލަށް އެތެރެވާ ތާރީހަށް ހަތް ދުވަސް ހަމަ ނުވާ) އެ ގައުމެއްގެ ކަމާގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެން އައުމަށް ނޭޕާލް ސަރުކާރުން އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް، ނޭޕާލަށް އެތެރެވާ ހުރިހާ ފަތުރުވެރިންވެސް ނޭޕާލްއަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީންގައި ތިބެންޖެހޭނެކަންވެސް އަންގަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، ނޭޕާލުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުގެ އިތުރުން، ނޭޕާލްގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނޭޕާލުގެ އިތުރުން ސްރީލަންކާއަށް އެތެރެވާން ދޫކުރާ އޮން އެރައިވަލް ވިސާ ސްކީމްގެ ތެރެއިން ވިސާ ދޫކުރުން ވެސް މެދުކަނޑާލަން ނިންމުމުން ދިވެހިންނަށް ވެސް ސްރީ ލަންކާއަށް ދާން އޮން އެރައިވަލް ވިސާ ނުލިބޭ ގޮތް ވަނީ ވެފަ އެވެ.