ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

އެއް ސްޓްރެޓެޖީއަކަށް ސާކް ގައުމުތައް މަސައްކަތް ކުރަން ޖެހޭ: ޝާހިދު

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެކުނު އޭޝިއާގެ ގައުމުތައް ނުވަތަ ސާކްގެ ގައުމުތަކުން އެއް ރީޖިނަލް ސްޓްރެޓެޖީއަކަށް މަސައްކަތް ކޮށް ބޮޑަށް އަސަރުކޮށްފައިވާ ގައުމުތަކަށް އެހީތެރިކަން ދެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް މިފަދަ ބަލިމަޑުކަމުގެ ހާލަތުގައި ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރަން ބާރު އަޅާ ގައުމެއް ކަމަށެވެ. ސާކްގެ ގައުމުތަކުގެ އިސްވެރިންގެ މަޝްވަރާ ބައްދަލު ވުމަކަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދެއްވި ދައުވަތަށް މަރުހަބާ ވިދާޅުވެ އެ މަގަމަށް ދިވެހި ސަރުކާރުން މަސައްކަތް ފެށީ ވެސް އެ ސަބަބަށް ޓަކައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާކްގެ ހުރިހާ ގައުމުތަކުން ގެންގުޅެން ވާނީ ރީޖަނަލް އެއް ސްޓްރެޓެޖީ އެކެވެ. އެ ކަމަށް މަސައްކަތް ކުރުމަށް މިހާރަށް ވުރެ ބޮޑަށް ގައުމުތަކުގެ ހެލްތު އެމަޖެންސީ އޭޖެންސީތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"ސަރަހައްދީ އެއް ސްޓްރެޓެޖީއަކަށް ރިއާޔަތް ކުރާއިރު، ސާކްގެ ގައުމުތަކުގެ ހެލްތު އެމަޖެންސީ އޭޖެންސީތަކުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދަން ޖެހޭ، އެއީ މި ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރެވޭނެ އެންމެ ބެސްޓް ޕްރެކްޓިސްތައް ގައުމުތަކުގެ މެދުގައި ހިއްސާ ކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ސާކް ސަރަހައްދުގެ އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަން ޔަގީން ވާއިރު، އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކަށް އަމާޒުކޮށް ސަރަހައްދީ އިކޮނޮމިކް ރިލީފް ފަންޑެއް ގާއިމު ކުރަން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ސަރުކާރުގެ އާމްދަނީ ވެސް ދަށްވާތީ ކުރަން ބޭނުންވާ ހަރަދުތައް ކުރުމަށް އެފަދަ ފަންޑެއްގައި ބަޖެޓް ސަޕޯޓް ހިމަނަން ވާނެ ކަމަށެވެ.

މީގެ އިތުރުން ސާކްގެ ގައުމުތަކުގެ މެދުގައި ދިގު މުއްދަތުގެ ސަރަހައްދީ ރިކަވަރީ ޕްލޭނެއް އެކުލަވާންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. މި ގޮތުން މި ސަރަހައްދުގެ ގައުމުތަކުގެ ބޮޑެތި ސިޓީތައް ގުޅުވާލެވޭނެ ސަރަހައްދީ އުމްރާނީ ތަރައްގީ އަދި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް އެ ޕްލޭންގައި ހިމެނުން މުހިއްމު ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރާއްޖެއަށް ބަލާއިރު މިފަދަ ޕްލޭނެއްގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް އަލުން ރިކަވާ ކުރުން. މި ގޮތުން ސާކް ގައުމުތަކުގެ ބޮޑެތި ސިޓީތަކާއި ރާއްޖެއާ ގުޅުވާލެވޭނެ މަޝްރޫއުތައް ހިންގައި، ދަތުރުފަތުރަށް މިހާރު އެ ހުރި ދަތިތައް މަޑުމަޑުން ގެންދެވޭނެ ގޮތްތަކެއް ހޯދުން،" ޝާހިދު ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސާކްގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާއިން ހުށަހެޅި އެމަޖެންސީ ފަންޑަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ސާކްގެ ގައުމުތައް ގުޅިގެން މި ބަލިމަޑުކަމުގެ ހާލަތުގައި ކުރަން ޖެހިފައިވާ އިމަޖެންސީ ހަރަދުތަކަށް މި ފަންޑުގެ ސަބަބުން ލުއިތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.