ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޗައިނާއިން ވެދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.
ޗައިނާ އިން އެހީތެރިކަން ހޯދުމާ ގުޅޭގޮތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖޭންގް ލީޖޮންގް އާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ލިސްޓެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން މިއީ، އެހީތެރިކަމާއި އެއްބާރުލުމުގެ ފެށުމެއްކަން،" ޗައިނާއިން ހަދިޔާކުރާ ތަކެތީގެ ތަފްސީލެއް ނުދެއްވާ ސަފީރު ވިދާޅުވި އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން، ޝާހިދު ވިދާޅުވީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ޗައިނާއަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި އަދި އިތުބާރުކުރެވޭ ރަހުމަތްތެރިއެއް ކަމަށެވެ.
ޗައިނާއިން އެހީ ހޯދަން މަޝްވަރާކޮށްފައިމިވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވަން ރާއްޖޭން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ސިއްހީ މާހިރުންގެ ޓީމައަކާއެކު ބޭސްފޯރުކޮށްދޭން އުޅުމުން، އެ އެހީ ދިވެހި ސަރުކާރުން ގަބޫލުނުކުރި ކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފައިވަނިކޮށެވެ.
ނަމަވެސް، އެ ތުހުމަތުތައް ޗައިނާ ސަފީރު މީގެ ކުރިން ވަނީ ދޮގުކުރައްވައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ވައިރަސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުފައިވާއިރު، ޗައިނާގައި އެ ބަލި ވަނީ 80،754 މީހުނަށް ޖެހިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް 3،136 މީހުން މަރުވެފައިވާއިރު، ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި އެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.
އެގޮތުން، އެ ބަލި މިހާރު ފެތުރެމުން ނުދާކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އެ ވައިރަހާ ދެކޮޅަށް ޗައިނާ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް މީގެ ކުރިން ވަނީ ތައުރީފުކޮށްފަ އެވެ.
އެ ވައިރަސް މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު، އެ ބަލީގެ އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް ޗައިނާ އިން ދަނީ އެ ގައުމުގެ ތަޖުރިބާ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.