ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ އެހީ: 10 ވެންޓިލޭޓަރު، ދެ ލައްކަ މާސްކް

ޗައިނާ ސަރުކާރާއި ޗަައިނާގެ މަދަނީ ޖަމިއްޔާ އަދި ބޮޑެތި ވިޔަފާރި ކުންފުނިތަކުން ރާއްޖެއަށް ހަދިޔާކުރި ސިއްހީ ސާމާނު ރާއްޖެ ގެނެސްފި އެވެ.

އޭގެ ތެރޭގައި 10 ވެންޓިލޭޓަރާއި ދިހަހާސް ޓެސްޓް ކިޓް، ދެ ލައްކައަށްވުރެ ގިނަ މާސްކް އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހިމެނެއެވެ.

މިއީ ޗައިނާ ސަރުކާރާއި، އެ ގަައުމުގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުން އަދި މަދަނީ ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށް ހަދިޔާކުރި ތަކެއްޗެކެވެ.

މި ތަކެތި ރާއްޖެ ގެނައުމާއި ގުޅިގެން ޗައިނާގެ އެހީތެެރިކަމަށް ޝުކުރު އަދާކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަޔާނެއް ނެރުއްވާފައެވެ.

މި ބަޔާނުގައި މީގެ އެއްމަސް ދުވަސް ކުރިންވެސް ޗައިނާއިން ރާއްޖޭގައި އޮތް ކޮވިޑް19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ސިއްހި ސާމާނު, ހިލޭ އެހީގެ ގޮތުގަަި ހަދިޔާކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

“..މިއަދު އަނެއްކާވެސް ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާއު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެ ގައުމަށް ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވަން. މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައި.”

ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ފޮނުވި ހިލޭ އެހީގެ އިތުރުން, އެގައުމުގައި ތިބި އެކުވެރި ހެޔޮއެދޭ ފަރާތްތަކުގެ އެހީ ވެސް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަގުބޫލު ޗައިނީސް އެހީދޭ ޖަމިއްޔާތަކާއި, ކުންފުނިތަކާއި އަދި ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާ ޗައިނާގެ ބައެއް ކުންފުނިތައް ހިމެނެއެވެ. އޭގެ ތެރެގައި އަލީބާބާ ފައުންޑޭޝަން / ޖެކްމާ ފައުންޑޭޝަން, ޗައިނާ މާޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް, ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕޮރޭޝަން, ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑް, ޑޮންފެން އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން, ޗައިނާ ހާބާ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް, ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިންގ ކޯ ލިމިޓެޑް އާއި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް ހިމެނެއެވެ.

ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން މިގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަންވެސް މިނިސްޓަަރު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައިވާކަން ފާހަގަކުރެެއްވިއެވެ. އަދި މިއަދުގެ ފްލައިޓް ޗާޓާ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން ސީއެމްއީސީން ވަނީ ގިނަގުނަ މަސައްކަތް ކޮށްދީފައެވެ.

“..ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރި ރަޙުމަތްތެރިއެއް. ކޮވިޑް19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިހްލާސްތެރިކަމުގެ ޝުއޫރު ފާޅުކުރަން. މިއީ އުނދަގޫ ދަތުރެއް. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތް.” ޝާހިދުގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވިއެވެ.