ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗައިނާއިން ރާއްޖެއަށް ސިއްހީ ސާމާނު ހަދިޔާ ކޮށްފި އެވެ.
މީގެ ކުރިންވެސް ގިނަ އެހީތަކެއް ޗައިނާ ސަރުކާރާއި އެ ގައުމުގެ މަދަނީ ޖަމިއްޔާ އަދި ބޮޑެތި ވިޔަފާރި ކުންފުނިތަކުން ވަނީ ވެދީފައެވެ.
މިއަދު ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 5،000 މެޑިކަލް ފޭސް މާސްކާއި 50،000 ސާޖިކަލް މާސްކްގެ އިތުރުން 5،000 ޕީޕީއީ ކިޓާއި 5،000 މެޑިކަލް ގޮގްލްސްއެވެ.
ކޮވިޑްގެ ބަލިމަޑުކަން ފެށުނީއްސުރެ ޗައިނާއިން ގެންދަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. އޭގެ ކުރިންވެސް އެ ގައުމަކީ ރާއްޖޭގެ އިގްތިސާދީ އެންމެ މުހިންމު ބައިވެރިޔާއެވެ.
ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ޗައިނާ ސަރުކާރާއި ޗަައިނާގެ މަދަނީ ޖަމިއްޔާ އަދި ބޮޑެތި ވިޔަފާރި ކުންފުނިތަކުން މީގެ ކުރިން ވެދީފައިވާ އެހީތެރިކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން 10 ވެންޓިލޭޓަރާއި ދިހަހާސް ޓެސްޓް ކިޓް، ދެ ލައްކައަށްވުރެ ގިނަ މާސްކް އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެ ގައުމުން ވަނީ ހަދިޔާކޮށްފައެވެ.