ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާއިން އެހީވާން އުޅުމުން ރާއްޖޭން ނޫނެކޭ ބުނި ކަމުގެ ތުހުމަތު

Mar 12, 2020
6

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ވެސް ފެނިފައިވާއިރު، އެބަލި ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ސިއްހީ މާހިރުންގެ ޓީމައަކާއެކު ބޭސްފޯރުކޮށްދޭން އުޅުމުން އެ އެހީ ދިވެހި ސަރުކާރުން ގަބޫލުނުކުރި ކަމުގެ ތުހުމަތު އިދިކޮޅުން ކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ވައިރަސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުފައިވާއިރު، ޗައިނާގައި އެ ބަލި ވަނީ 80،754 މީހުނަށް ޖެހިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް 3،136 މީހުން މަރުވެފައިވާއިރު، ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި އެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

އެގޮތުން، އެ ބަލި މިހާރު ފެތުރެމުން ނުދާކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. އެ ވައިރަހާ ދެކޮޅަށް ޗައިނާ ސަރުކާރުން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވެސް މީގެ ކުރިން ވަނީ ތައުރީފުކޮށްފަ އެވެ.

އެ ވައިރަސް މިހާރު 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު، އެ ބަލީގެ އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް ޗައިނާ އިން ދަނީ އެ ގައުމުގެ ތަޖުރިބާ އާއި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު ބޭސް ރާއްޖެއަށް ފޮނުވަދޭނެކަމަށް ޗައިނާ އިން ބުނުމުން، އެކަމަށް ދިވެހި ސަރުކާރުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

"...އެ އޮފާ ރިޖެކްޓްކުރި ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސާފުކޮށްދިނުމަށް ވަރަށް އެދެން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ތުހުމަތުތަށް ބާރު ލިބޭ ގޮތަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގެ ސިއްހީ މާހިރުންނަށް ލިބިފައިވާ ތަޖުރިބާއާއި ފަންނީ ލަފާ ޔޫރަޕާ ހިއްސާކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖެއަށްވެސް އެފަދަ އެހީތެރިކަމެއް ދޭން ތިބި ބަޔަކާއެކު މަސައްކަތް ކުރުން މި ދަނޑިވަޅުގައި މުހިންމު ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ، ބޭހާއި ފަރުވާ ދިނުމުގެ އާލާތްތައް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި، އެފަދަ އެހީތެރިކަމެއް ޗައިނާ އިން ހޯދަން ފޮރިން މިނިސްޓްރީން ކުރާ މަސައްކަތަށް އެއްވެސް ބޭފުޅަކު ހުރަސްނާޅުއްވާނެކަމަށް،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު އިތުރަށް ވިދާޅުވެފައިވެ އެވެ.

ޗައިނާ އިން ދޭ އެހީއަކަށް ރާއްޖޭން ފުރަގަސްދިންކަމަށް ތުހުމަތުކުރިއިރު، މިހާރު ދިވެހި ސަރުކާރާ އެންމެ ގާތްގުޅުމެއް އޮންނަ އިންޑިއާ އިން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދޭން ނިންމައިފަ އެވެ. މި އެހީތެރިކަން ދޭން ނިންމީ ދިވެހި ސަރުކާރުން އެދިގެނެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންނާއި ހިދުމަތްތެރިންނަށް އެހީ ފޯރުކޮށްދޭން އިންޑިއާގެ ސިއްހީ ދާއިރާގެ މާހިރުންގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށާއި ޓީމުގައި ޕަލްމޮނޮލޮގިސްޓުންނާއި، އެނެސްތެޓިސްޓުންނާއި، ފިޒިޝަނުން އަދި ލެބް-ޓެކްނީޝަނުން ވެސް ހިމެނޭނެ ކަމަށެވެ.

މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.