ވިޔަފާރި

ބީއެމްއެލް ހިއްސާ އަކަށް 26ރ. ބަހަން ހުށަޙަޅައިފި

Mar 20, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 26ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްގެ ބޯޑުން ނިންމާފައިވާ ގޮތުގެ މަތިން މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހާނެ އެވެ. ގައުމީ ބޭންކުން 2018 ވަނަ އަހަރު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ބަހާފައިވަނީ 124 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާ އަކަށް 24ރ. އެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ރަނގަޅު އާމްދަނީ އަކާއި ސާފު ފައިދާއެއް ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 209 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދާއި އިންވެސްޓްމަންޓް އަދި ޕްރޮވިޝަން ޗާޖު އިތުރުވެފައިވީ ނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުން ވެސް ރަނގަޅު ފައިދާއެއް ހޯދާފައިވާ ކަމަށާއި ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ ގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.