ހަބަރު

ތިލަމާލެ ބްރިޖުގެ ސާވޭއެއް ސާމާނު ގެނެސްފި

Mar 20, 2020
13

މާލެ އާއި ތިލަފުށި ގުޅުވައިލުމަށް އަޅާ ބްރިޖުގެ ސާވޭއެއް ހެދުމަށް ބޭނުންވާ ސާމާނު މިއަދު ރާއްޖެ ގެނެސްފި އެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ހަދަން ޖެހޭ ޖިއޯ ޓެކްނިކަލް ސާވޭ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ފުގްރޯ ނަމަކަށް ކިޔާ ނެދެލެންޑުގެ ކުންފުންޏަކަށް 231.3 މިލިއަން ރުފިޔާއަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލެ ސަރަހައްދު ގުޅައިލުމަށް ތިލަފުއްޓާއި މާލެ ދެމެދު އަޅާ ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭއެއް ހެދުމަށް ބޭނުންވާ ސެލްފް އެލަވޭޝަން ޕްލެޓްފޯމަކާއި އެހެނިހެން ހެވީ މެޝިނަރީތައް މިއަދު ގެނެސްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސާވޭގައި ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާނެ އެވެ. އަދި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނަށް އެ މަސައްކަތް ކުރާނެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށާއި މާލެ އާއި ވިލިނގިލި ގުޅިފަޅު ތިލަފުށީ ހިމެނޭ ގޮތައް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށެވެ. އަދި ލޭންޑް ސާވޭތަކެއް މާލެ ގުޅިފަޅު އަދި ތިލަފުށީގައި ކުރިޔަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސާވޭގެ މަސައްކަތް އަންނަ ޖުލައި މަހު 7 ގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެއަށް ފަހު މި އަހަރު ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިޔާގެ ލޯނުގެ އެހީގައި އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި މަޝްރޫއު ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސް އިންޑިޔާގައި ކުރިޔަށް ދާ ކަމަށާއި ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ވެސް ސަަރުކާރުން ބުނެފައިވެ އެވެ.