ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ ޑެކްތަކުގެ މަސައްކަތް ފަށައިފި

Apr 13, 2023

ތިލަމާލެ ބްރިޖްގެ މަތީ ފަށަލަ ކަމަށްވާ -- ޑެކްތައް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ގުޅިފަޅު ބްރިޖު ސައިޓުގައި މިމަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތައް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.

ބްރިޖުގެ ތަނބުތައް ނިމުމާއެކު ދެން އޮންނާނީ ޑެކްތައް އަތުރާލުމެވެ. ތަނބުތަކުގެ މަސައްކަތް ނިމެންވާއިރަށް ޑެކްތައް ހަދާ ނިންމުމަށް ބްރިޖުގެ ކޮންޓްރެކްޓަރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅާލެވޭނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި އަންނަ އަހަރުގެ މާޗް ހިސާބުގައި ގުޅިފަޅާއި ތިލަފުށި ގުޅާލެވޭނެ ކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.

ތިލަމާލެ ބްރިޖު އަޅަން އެފްކޯންސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ. ބްރިޖު އެޅުމުގެ މަސައްކަތާ ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ކުރީ އެފްކޯންސް ކުންފުނިންނެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިން އަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.