މާލެ ލޮކްޑައުން ކޮށްފި ހާލަތެއްގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭނެ ފިހާރަތަކުގެ މައުލޫމާތު އެއްކޮށް ނިމިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ މިހެން ވިދާޅުވީ މާލެ ސަރަހައްދު ކޮވިޑް-19 އަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ޝިފާ ވިދާޅުވީ މާލޭ ސަރަހައްދުގެ އިމާރާތެއް ނުވަތަ އެޕާޓްމަންޓެއް ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރަން ނިންމައިފި ހާލަތެއްގައި އެ އިމާރާތަކަށް ނުވަތަ އެޕާޓްމަންޓަކަށް ބޭނުންވާ ޒަރޫރީ ތަކެތި ޑެލިވާ ކޮށްދެވޭނެ ފިހާރަތަށް ހުރިތޯ ބަލާ ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 334 ފިހާރައެއް ސާވޭ ކޮށްފައިވާ ކަމަށެވެ. އަދި މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުރި 168 ކޮށި ސާވޭ ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ މިފަދަ ހާލަތުގައި ނަގުދު ފައިސާގެ މުއާމަލާތް ހިންގުމަކީ ރަނގަޅުކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ކަމުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހުރި ފިހާރަތަށްވެސް ބަލާފައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ވަރަށް ގިނަ ވިޔަފާރިވެރިންގެ ތަރުހީބު ލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގެ އިމާރާތެއް ނުވަތަ އެޕާޓްމަންޓެއް ކަރަންޓީނަށް ގޮއްސި ހާލަތެއްގައި އަޅުގަނޑުމެން އެބަޖެހޭ އެ ތަންތަނުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޒަރޫރީ ތަކެތި ފޯރުކޮށްދޭނެ. އެހެންވެ މިހާރު އަޅުގަނޑުމެން ވާނީ ކޮންކޮން ފިހާރަތަކެއްތޯ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ތިބީ ބަލާފަ. ކޮންމެ ބްލޮކެއް ވަކިން ބަލާ އަޅުގަނޑުމެންވާނީ ކޮންމެ ފިހާރައަކަށް ގޮސް އެ ހިދުމަތް ދެއްވާނީ ކޮންކޮން ބައެއްތޯ، ޑޯސްޓެޕް ޑެލިވަރީ ފޯރުކޮށްދެނީ ކޮންބައެއްތޯ ބަލާ އެހުރިހާ މައުލޫމާތެއްވެސް ވާނީ އެއްކުރެވިފަ." އޭނާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ އާއިލާއާއެކު ގޭގައި ކަރަންޓީންވާންޖެހިއްޖެ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތުގެ ލީފްލެޓެއް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ މައުލޫމާތު މިހާރު އެއްކުރަމުންދާ ކަމަށެވެ..
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ ޑެޕިއުޓި ޗީފް އެކްޒެކްޓިވް އުމަރު މޫސާ ފިކްރީ ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ގޯސްވާ ދަނޑިވަޅެއްގައި އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ހަދަމުންދާ ކަމަށެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އިތުރު ހަތަރު ސަރަހައްދެއްގައި ކޮވިޑް-19 އާއި ގުޅިގެން ފަރުވާދެވޭނެ ވެންޓިލޭޓަރާއި އެކީ އައިސީޔޫ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި މާލެ ސަރަޙައްދުގައި ކޮވިޑް-19 އާއި ގުޅިގެން 100 އެނދުގެ އައިސީޔޫ ފެސިލިޓީ އެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ދިވެހިރާއްޖެއިން މިހާރުވެސް އެން-95 މާސްކާއި، އަންގި އާއި، މިނޫނަސް ސިއްހީ އާލާތްތައް، ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި އެހެނިހެން ޖަމިއްޔާތަކާއި، ގައުމުތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝަހީދު ވިދާޅުވި އެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 13 ބިދޭސީއަކު ޕޮސިޓިވް ވެފައިވާއިރު މީގެ ތެރެއިން ފަސް މީހަކު ވަނީ މިހާރު މި ބަލިން ރަނގަޅުވެފަ އެވެ.