ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: އދ. އިން ދެ ބިލިއަން ޑޮލަރުގެ އެހީގެ ޕްލޭނެއް

Mar 26, 2020

ހަލުއިކޮށް މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެންމެ ފަގީރު ގައުމުތަކަށް ދެ ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ހޯދައިދިނުމުގެ ޕްލޭނަކަށް އދ. އިން މަސައްކަތް ފަށައިފި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވި ގޮތުގައި، މި ބަލާއާފަތާ ދެކޮޅަށް އެއްވެސް ގައުމުމަކަށް އެކަނި މަސައްކަތް ކޮށްގެން ކާމިޔާބެއް ނުހޯދޭނެ އެވެ.

އެއްވެސް މަޑުޖެހުމެއްނެތި ކޮވިޑް-19 އަދިވެސް ފެތުރެމުންދާއިރު، މުޅި ދުނިޔެ ގުޅިގެން، އެކުގައި މަސައްކަތްތަކެއް ނުކޮށްފިނަމަ، އެތަކެއް މިލިއަން މީހުންގެ ފުރާނަ ގެއްލިދާނެ ކަމަށް ގުޓެރެސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، އަދި މުސްކުޅިންނާއި، ކުޑަކުދިންގެ އިތުރުން އަންހެނުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އދ. އިން މިހާރު ވަނީ ކޮވިޑް-19 އިތުރަށް ފެތުރިގެންދާނެ ތަފާތު ހާލަތްތަކަށް ބަލައިގެން، މާލީ އެހީތެރިކަން ބޭނުންވާ ގައުމުތައް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.

އެގޮތުން، ގާތްގަނޑަކަށް ދެ ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެއްކުރުމުގެ މަސައްކަތް ފަށައި، މުއްސަނދި ގައުމުތަކުގެ އެހީތެރިކަމަށް އދ. އިން ވަނީ ގޮވާލައިފަ އެވެ.