ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔަމަނުގެ އާ ކޭސްތަކާއެކު، އދ. ގެ ކަންބޮޑުވުން

May 3, 2020

ސަނާ (މެއި 3) - ޔަމަނުގައި ކޮވިޑް-19 ޖެހިފައިވާ ތިބި އިތުރު ތިން މީހުން ފެނިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އިއްޔެ ފެނުނު ކޭސްތަކާއެކު، ޔަމަނުގައި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 އިގެ ފެނިފައިވާ ކޭސްތައް ނިސްބަތުން މަދު ނަމަވެސް، ކަމާބެހޭ އިދާރާތަކަށް ނޭނގި އެ ބަލި މުޖުތަމައު ތެރޭގައި މިހާރު ވެސް ފެތުރިފައި ވެދާނެ ކަމަށް ބުނެ އދ. އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ފަސް އަހަރު ވީ އިރު، އެތައް މިލިޔަން މީހުންނެއް މިހާރުވެސް ވަނީ ބަނޑަށް ޖެހިފަ އެވެ.

އަދި ސިއްހީ ވަސީލަތްތައް ނެތި، ވަރަށް ހާލުގައި ތިބި ރައްޔިތުންތަކެއްގެ މެދުގައި ބަލި ފެތުރިގެން ދިއުމުގެ ނުރައްކާތެރިކަން އދ. އިން ދަނީ ތަކުރާރުކޮށް ފާހަގަ ކުރަމުންނެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫތީންގެ އަތް ދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރު ވެފަ އެވެ.

އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ޔަމަނުގެ ސަރުކާރު އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފައިވާއިރު، ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު މަރުވެ، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ކޮވިޑް-19 ފަދަ ބައްޔަކާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެފަދަ ބާރެއް، ޔަމަނުގެ ގިނަ ރައްޔިތުންގެ ހަށިގަނޑުގައި ނުހުންނާނެ ކަމަށެވެ.

އދ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ޔަމަނުގެ 24 މިލިއަން މީހުންގެ އާބާދީގެ 80 ޕަސަންޓް، ބޭރުގެ އެކި ޖަމާއަތްތަކުން ފޯރުކޮށްދޭ ކަބޯތަކެތީގެ އެހީތެރިކަމަށް ބަރޯސާވެ އެވެ. އެކަމުގެ ސަބަބުން، 10 މިލިއަނެއްހާ މީހުން ބަނޑަށްޖެހުމުގެ ބިރު އޮތްކަމަށް ވެސް އދ. އިން ވަނީ ބުނެފަ އެވެ.