ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ގިނަ ގައުމުތައް ބަނޑަށް ޖެހޭނެކަމުގެ އިންޒާރު

Apr 22, 2020
1

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ލޮކްޑައުންކޮށް ބޯޑަރުތައް ބަންދު ކޮށްފައިވާއިރު، މިއިން ޒަމާނެއްގައި ނުފެންނަ ފަދަ ބަނޑުހައިހޫނު ކަމަކަށް ދުނިޔޭގެ ގިނަ ހިސާބުތަކެއް ވެއްޓިދާނެ ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ ކާބޯތަކެތީގެ ޖަމިއްޔާ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ގެ އިސްވެރިޔާ ޑޭވިޑް ބީސްލީ ވިދާޅުވީ، ބަނޑުހައިހޫނުކަމުގެ ބޮޑު ކާރިސާއަކުން ދުނިޔެ ސަލާމަތް ކުރުމަށް ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.

ދާދި ފަހުން އާއްމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ބަނޑުހައިހޫނުކަމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 130 މިލިއަނުން 250 މިލިއަނަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޑަބްލިޔުއެފްޕީ ބުނާ ގޮތުގައި، ބަނޑަށްޖެހުމުގެ އެންމެ ނުރައްކާ ބޮޑީ، ދާހިލީ ހަނގުރާމައާއި، އިގުތިސޯދު ވަޅުޖެހުމާއި އަދި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ 10 ގައުމެއް ކަމަށެވެ.

އޭގެ ތެރޭގައި، ޔަމަނު، ކޮންގޯ، އަފްގާނިސްތާނު، ވެނެޒުއޭލާ، އިތިއޯޕިއާ، ދެކުނު ސުދާނު، ސުދާނު، ސީރިއާ، ނައިޖީރިއާ އަދި ހައިޓީ ހިމެނެ އެވެ. އެގޮތުން، ދެކުނު ސޫދާނުގައި މިދިއަ އަހަރުވެސް އާބާދީގެ 61 ޕަސަންޓަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިވެފައިވާ ކަމަށެވެ.

ޑަބްލިޔުއެފްޕީއިން އިތުރަށް ބުނީ ކޮވިޑް-19ގެ ބަލާއާފާތުގެ ކުރިންވެސް އިރުމަތީ އެފްރިކާ އަދި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގައި ކާބޯތަކެތީގެ ދަތިކަން ހުރި ކަމަށެވެ.

ކޮވިޑް-19އިން ދާދި ފަހުން ރަނގަޅުވި، ބީސްލީ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް އދ.ގެ ސެކިޔުރިޓީ ކައުންސިލަށް ވިދާޅުވީ މުޅި ދުނިޔެ ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އަދި ކޮވިޑް-19ގެ ބަލާއާފާތުގެ ސަބަބުން ދުނިޔެ ބަނޑަށްޖެހި އިންސާނީ ކާރިސާއެއް ކުރިމަތިވުން ހުއްޓުވަން މަސައްކަތްތަކެއް މިހާރުން މިހާރަށް ފަށަންޖެހޭ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.