ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ގެވެށި އަނިޔާ އިތުރުވާތީ އދ. އިން ވެސް ކަންބޮޑުވެއްޖެ

Apr 6, 2020
1

ކޮވިޑް-19 އާއެކު، ގިނަ ގައުމުތަކެއް ލޮކްޑައުންކޮށްފައިވާއިރު، ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ މިންވަރާ ގުޅިގެން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލޮކްޑައުން ކުރުމުން، ގެވެށި އަނިޔާ އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ސަރުކާރުތަކަށް ގޮވާލައްވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތައް ހުއްޓާލުމަށް ދާދި ފަހުން ގޮވާލި ގޮވާލުމަށް އިޝާރާތްކުރައްވަމުން، ގުޓެރޭސް ވިދާޅުވީ ހަމަނުޖެހުންތަކާއި އަނިޔާއަކީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ހިނގާ ކަންކަމެއް ނޫން ކަމަށެވެ.

"ގިނަ އަންހެނުންނަށް އަނިޔާގެ ނުރައްކާ އެންމެ ބޮޑީ، އެ މީހުނަށް އެންމެ ރައްކާތެރިކަން އޮންނަން ޖެހޭ ތަނުގައި. އެ މީހުންގެ އަމިއްލަ ގޭގައި،" ގުޓެރޭސް ވިދާޅުވި އެވެ.

އދ. އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އާއެކު ލޮކްޑައުންކުރުމާ ގުޅިގެން، ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ލެބަނާން އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވަނީ ދެގުނައަށް އިތުރުވެފަ އެވެ.

އަދި އެ ބަލި އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައި، އެ އަދަދު ވަނީ ތިން ގުނައަށް އިތުރުވެފަ އެވެ.

ގުޓެރޭސް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން އާއްމުންގެ މެދުގައި އޮތް ދަތިކަމާއި މާޔޫސްކަމުގެ ތެރެއިން އަނިޔާގެ މައްސަލަތައް އިތުރުވެފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފުލުހުން ފަދަ ކަމާބެހޭ އިދާރާތައް އަވަދިނެތި އުޅޭއިރު، އަނިޔާލިބޭ މީހުންނަށް އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމާއި އެހީ ފޯރުކޮށްދޭން ދަތިވެފައިވާކަމަށްވެސް ގުޓެރޭސް ފާހަގަކުރެއްވި އެވެ.

ގުޓެރޭސް އިތުރަށް ވިދާޅުވީ، ކޮވިޑް-19 އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންމަތިވަމުން އަންނަ އަނިޔާގެ މައްސަލަތައްވެސް އެންމެން ގުޅިގެން ހައްލު ކުރަންޖެހިފައިވާ ކަމަށެވެ.