ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔަމަނަށް ބޭނުންވާ އެހީ ހޯދަން އދ. އާދޭސް ކުރަނީ

Jun 13, 2020

ސަނާ (ޖޫން 13) - ބޭރުގެ އިތުރު މާލީ އެހީތެރިކަން ނުލިބި، އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ޔަމަނުގައި ހިންގާ އެހީގެ ޕްރޮގްރާމުތަކުގެ ތެރެއިން ތިން ބައިކުޅަ އެއް ބައި ހުއްޓާލަން ޖެހޭނެ ކަމަށް ބުނެ، އދ. އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ފަސް އަހަރު ވީ އިރު، އެތައް މިލިޔަން މީހުންނެއް މިހާރު ވެސް ވަނީ ބަނޑަށް ޖެހިފަ އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫތީންގެ އަތް ދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރު ވެފަ އެވެ.

އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ޔަމަނުގެ ސަރުކާރު އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފައިވާއިރު، ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު މަރުވެ، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އދ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ޔަމަނުގެ 24 މިލިއަން މީހުންގެ އާބާދީގެ 80 ޕަސަންޓް، ބޭރުގެ އެކި ޖަމާއަތްތަކުން ފޯރު ކޮށްދޭ ކަބޯތަކެތީގެ އެހީތެރި ކަމަށް ބަރޯސާވެ އެވެ.

އެގޮތުން، މި މަހުގެ ދެވަނަ ދުވަހު ޔަމަނަށް ބޭނުންވާ އެހީ ހޯދުމާ ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި، 1.35 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދޭނެ ކަމަށް ވަނީ ވައުދުވެފަ އެވެ. ނަމަވެސް، އެހީގެ ޕްރޮގްރާމުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް 2.4 ބިލިއަން ޑޮލަރުގެ އެހި ބޭނުންވާނެ ކަމަށް އދ. އިން މީގެ ކުރިން ވަނީ އަންދާޒާ ކޮށްފަ އެވެ.

އެކަމާ ގުޅިގެން، އދ. ގެ ތަރުޖަމާނަކު ވިދާޅުވީ ޔަމަނުގައި އެހީގެ 41 ޕްރޮގްރާމް ހިންގާއިރު، އިތުރު ފަންޑިން ނުލިބި، އޭގެ ތެރެއިން 30 އަށް ވުރެ ޕްރޮގްރާމް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ހުއްޓާލަން ޖެހޭނެ ކަމަށެވެ.

އަދި ޖޫން ދޭއްގައި ބޭއްވި ބައްދަލުވުމުގައި ވައުދުވެފައިވާ 1.35 ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އޭގެ އެންމެ 47 ޕަސެންޓް ކަމަށް ވެސް އދ. އިން ބުންޏެވެ.

ޔަމަނުގައި ކޮވިޑް-19 އިގެ އިތުރުން، ވަރަށް ހަލުވި މިނުގައި ކޮލެރާ އާއި ބޭރަށް ހިންގުން ވެސް ފެތުރެމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ޔަމަނުގައި ކޮވިޑް-19 އިގެ 564 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، އޭގެ ތެރެއިން މިހާތަނަށް 130 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކަށް ނޭނގި އެ ބަލި މުޖުތަމައު ތެރޭގައި މިހާރު ވެސް ފެތުރިފައި ވެދާނެ ކަމަށް ބުނެ އދ. އިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ކޮވިޑް-19 އިގެ އިތުރުން، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ކޮލެރާ އާއި ބޭރަށް ހިންގުމުގެ 137،000 ކޭހެއް މި އަހަރުގެ މިހާތަނަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ކޮވިޑް-19 ފަދަ ބައްޔަކާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެފަދަ ބާރެއް، ޔަމަނުގެ ގިނަ ރައްޔިތުންގެ ހަށިގަނޑުގައި ނުހުންނާނެ އެވެ.