ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ޔަމަނުގައި މަރުގެ އަދަދު އިތުރުވަނީ

May 17, 2020

ސަނާ (މެއި 17) - ޔަމަނުގެ ދެކުނުގައި އޮންނަ އޭޑެން ސިޓީން ކޮވިޑް-19 އިގެ އަލާމާތްތައް ހުރި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގައި ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތަކުން ބުނެފި އެވެ.

ރަސްމީ ތަފާސް ހިސާބުތަކަށް ހަވާލާދީ، "ސޭވް ދަ ޗިލްރެން" ނަމަކަށް ކިޔާ ޖަމިއްޔާ އިން ބުނީ މިދިއަ ހަފްތާގެ ތެރޭގައި 380 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ އަދަދުތަކުން ޔަމަނުގައި މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 72 މީހުނަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ބަލީގެ ޝިކާރައަކަށްވެފައިވަނީ 13 މީހުން ކަމަށެވެ.

ނަމަވެސް، ޔަމަނުގައި އެ ބަލި ޖެހިގެން މިހާރުވެސް މަރުވެފައިވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

"ސޭވް ދަ ޗިލްރެން" އިން ނެރުނު ބަޔާނެއްގައި ބުނީ، ރައްކާތެރިކަމުގެ އާލާތްތައް ނެތިގެން، ގިނަ ސިއްހީ ހިދުމަތްތެރީން މަސައްކަތަށް ނުކުތުމަށް އިންކާރު ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން މިހާރުވެސް ބައެއް ހޮސްޕިޓަލުތައް ބަންދުކުރަންޖެހިފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި، ކޮވިޑް-19 އިގެ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށްދާ މީހުނަށް ފަރުވާ ހޯދޭނެ ގޮތެއްނެތި އެނބުރިދާން މަޖުބޫރުވަމުންދާ ކަމަށެވެ.

އެގޮތުން، ޔަމަނުގައި ޖުމްލަ ހުރީ 500 އެއްހާ ވެންޓިލޭޓަރު ކަމަށާއި، ކޮވިޑް-19 އަށް ޓެސްޓުކުރެވޭ އެންމެ ހަތަރު ލެބުކަމަށްވެސް އެ ޖަމިއްޔާ އިތުރަށް ބުނެފައިވެ އެވެ.

ޔަމަނުގައި ކޮވިޑް-19 އިގެ ފެނިފައިވާ ކޭސްތައް ނިސްބަތުން މަދު ނަމަވެސް، ކަމާބެހޭ އިދާރާތަކަށް ނޭނގި އެ ބަލި މުޖުތަމައު ތެރޭގައި މިހާރު ވެސް ފެތުރިފައި ވެދާނެ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ފަސް އަހަރު ވީ އިރު، އެތައް މިލިޔަން މީހުންނެއް މިހާރުވެސް ވަނީ ބަނޑަށް ޖެހިފަ އެވެ.

އަދި ސިއްހީ ވަސީލަތްތައް ނެތި، ވަރަށް ހާލުގައި ތިބި ރައްޔިތުންތަކެއްގެ މެދުގައި ބަލި ފެތުރިގެން ދިއުމުގެ ނުރައްކާތެރިކަން އދ. އިން ދަނީ ތަކުރާރުކޮށް ފާހަގަ ކުރަމުންނެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫތީންގެ އަތް ދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރު ވެފަ އެވެ.

އިރާނުން އެހީވެދޭ ހޫތީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ޔަމަނުގެ ސަރުކާރު އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފައިވާއިރު، ދެ ފަރާތުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި އާއްމުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު މަރުވެ، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ކޮވިޑް-19 ފަދަ ބައްޔަކާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެފަދަ ބާރެއް، ޔަމަނުގެ ގިނަ ރައްޔިތުންގެ ހަށިގަނޑުގައި ނުހުންނާނެ ކަމަށެވެ.

އދ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ޔަމަނުގެ 24 މިލިއަން މީހުންގެ އާބާދީގެ 80 ޕަސަންޓް، ބޭރުގެ އެކި ޖަމާއަތްތަކުން ފޯރުކޮށްދޭ ކަބޯތަކެތީގެ އެހީތެރިކަމަށް ބަރޯސާވެ އެވެ. އެކަމުގެ ސަބަބުން، 10 މިލިއަނެއްހާ މީހުން ބަނޑަށްޖެހުމުގެ ބިރު އޮތްކަމަށް ވެސް އދ. އިން ވަނީ ބުނެފަ އެވެ.