ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

12 އަހަރުން މަތީގެ ކުދިން މާސްކު އަޅަން ލަފާދީފި

Aug 23, 2020

ޖެނީވާ (އޯގަސްޓް 23) - ކޮވިޑް-19 އާ ގުޅިގެން 12 އަހަރުން މަތީގެ ހުރިހާ ކުދިން މާސްކު އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އިރުޝާދު ދީފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދާއިރު، މާސްކު އެޅުމާއެކު ބޮޑެތި މީހުން އަމަލުކުރާ ރައްކާތެރިކަމުގެ އެހެން އުސޫލުތަކަށް 12 އަހަރު މަތީގެ ހުރިހާ ކުދިން ވެސް އަމަލުކުރުމަށް އެ ޖަމިއްޔާ އިން އާއްމުކުރި އާ އިރުޝާދުގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ ފަރާތުން އެ ބަލި ފެތުރޭ ގޮތާބެހޭ މާބޮޑު ދިރާސާއެއް ނެތް ނަމަވެސް، ބޮޑެތި މީހުނެކޭ އެއް ފަދައިން ޒުވާން ކުދިންގެ ފަރާތުން ބަލި ފެތުރޭކަން ދުނިޔޭގެ އެކި ގައުމުތަކުން ފެންނާން ހުރިކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

ނަމަވެސް، ފަސް އަހަރުން ދަށުގެ ކުޑަކުދިން މާސްކު އެޅުން ރަނގަޅު ނޫންކަމަށްވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 އިގެ ޝިކާރައަކަށްވި މީހުންގެ އަދަދު މިހާރު ވަނީ 800،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އަދި އެ ބަލި ޖެހުނު މީހުންގެ އަދަދު 23 މިލިއަނާ ގާތްކުރާއިރު، އެންމެ ގިނައިން އެ ބަލި ޖެހިފައިވަނީ އެމެރިކާ، ބްރިޒެލް އަދި އިންޑިއާގަ އެވެ.

ނަމަވެސް، ބަލީގެ އަލާމާތްތައް ނުފެންނަ މީހުނާއި އެކަށީގެންވާ މިންވަރަށް ޓެސްޓު ނުކުރެވުމުގެ ސަބަބުން ހަގީގީ އަދަދު އެއަށްވުރެ އިތުރުވާނެކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

މާސްކު އެޅުމާބެހޭ އާ އިރުޝާދެއް ދީފައިމިވަނީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ބަލިން އަރައިގަނެވޭނެކަމަށް އުއްމީދު ކުރެވޭކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވަނިކޮށެވެ.