ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބެއިރޫތު ގޮވުން: އަދިވެސް 60 އަށްވުރެ ގިނަ މީހުން ނުފެނޭ

Aug 8, 2020

ބެއިރޫތު (އޯގަސްޓް 8) - ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މިދިއަ އަންގާރަ ދުވަހުގެ ބާރު ގަދަ ގޮވުންތަކާއެކު ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، 60 އަށް ވުރެ ގިނަ މީހުން އަދިވެސް ނުފެންނަކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

"މަރުވި މީހުންގެ އަދަދު 154 އަށް ވަނީ އަރާފައި. އޭގެ ތެރޭގައި އެބައުޅޭ ކޮންބައެއްކަންވެސް ނޭނގޭ 25 މީހުން،" ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަދި ހާދިސާއަށްފަހު ވީތަނެއް ނޭނގިގެން 60 އަށް ވުރެ ގިނަ މީހުން ރިޕޯޓުކޮށްފައިވާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓަރު އިއްޔެ ވިދާޅުވެފައިވަނީ ހާދިސާގައި ޒަހަމްވި 5،000 އެއްހާ މީހުންގެ ތެރެއިން 120 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ހާދިސާ ހިނގީ ބަނދަރު ސަރަހައްދުގެ ވެއާ ހައުސް އެއްގައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ރޯވެގެން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަކެތި އެތަނުގައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށްވެސް ވެ އެވެ.

އެމޯނިއަމް ނައިޓްރޭޓް އަކީ ގަސް ކާނާ ހެއްދުމުގެ އިތުރުން ބޮން ހެދުމަށް ވެސް ބޭނުން ކުރާ މާއްދާއެކެވެ.

ހާދިސާއަށް ފަހު ކޮރަޕްޝަނާއި، ނާގާބިލުކަމާއި، އިހުމާލުގެ އިނގިލިތައް ސަރުކާރުގެ އިތުރުން ކަމާބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ.

އިހުމާލުގެ އިތުރުން، ހާދިސާގެ ތަހުގީގުގައި ބޭރުގެ އެއްވެސް އަތެއްވޭތޯ ވެސް ބަލާނެކަމަށް ލުބުނާނުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މިހާރުވެސް 16 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިންކަމަށްވާއިރު، އެ ގޮވުމުގައި، ސިއްހީ ސަޕްލައި ހިމެނޭ 17 ކޮންޓެއިނަރެއް ނެތިގެން ގޮސްފައިވާކަމަށް ވަނީ ބުނެފަ އެވެ. އެއާއެކު، 1.7 މިލިއަން ޑޮލަރުގެ ޕީޕީއާ އާއި އެހެންނިހެން އާލަތްތައް ލުބުނާނަށް ފޮނުވަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި މި ހާދިސާއާއެކު ލުބުނާނުގެ ކޮވިޑް-19 އިގެ ހާލަތު އިންތިހާއަށް ގޯސްވެގެންދާނެކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ބާރުގަދަ ގޮވުމާއެކު ބެއިރޫތު ޕޯޓު ސަރަހައްދު އެކީގައިހެން ވަނީ ބިމާ ހަމަވެފަ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ތިން ލައްކައެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ބެއިރޫތުގެ ގަވަރުނަރު ވަނީ ވިދާޅުވެފަ އެވެ.