ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދެއަހަރު ތެރޭ ކޮވިޑް-19 އިން އަރައިގަނެވޭނެ: ޑަބްލިޔުއެޗްއޯ

Aug 22, 2020

ޖެނީވާ (އޯގަސްޓް 22) - ކުރިއަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ކޮވިޑް-19 އިން އަރައިގަނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޯސް އަދުނަމް ގެބްރެޔޭސެސް ވިދާޅުވެއްޖެ އެވެ.

އެ ޖަމިއްޔާގެ މައި މަރުކަޒުގައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޯސް ވިދާޅުވީ 1918 ވަނަ އަހަރު ފެތުރުނު ސްޕެނިޝް ފްލޫ އިން އަރަގަންނަން ދެ އަހަރު ނެގި ކަމަށެވެ.

ނަމަވެސް، މިހާރު ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އެ މުއްދަތު ކުރު ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެނަސް ގުޅިފައިވާ ދުނިޔެއެއްގައި އެ ވައިރަސް އަވަހަށް ފެތުރުމުގެ ފުރުސަތު ބޮޑު،" ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

"އެއާއެކު މިހާރު އަޅުގަނޑުމެންގެ އަތުގައި އެބަހުރި ޓެކްނޮލޮޖީއާއި ތަޖުރިބާ އެކަން ހުއްޓުވަން،" މި ބައްޔާ ދެކޮޅަށް ގައުމުތަކުގެ އިތުރުން މުޅި ދުނިޔެ ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ބާރުއަޅުއްވަމުން އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެއަށް 1918 ވަނަ އަހަރު ފެތުރުނު ސްޕެނިޝް ރޯގާގައި 50 މިލިއަނެއްހާ މީހުން މަރުވި އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 22 މިލިއަން ހުރަސްކޮށްފައިވާއިރު، އޭގެ ތެރެއިން 800،000 އެއްހާ މީހުން ވަނީ އެބަލީގެ ޝިކާރައަކަށްވެފަ އެވެ.