ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިނު ކުރިން މަރު، ދެމިލިއަނަށް އެރުން ކައިރި

Sep 27, 2020

ބްރަސަލްސް (ސެޕްޓެމްބަރު 27) - ކޮވިޑް-19 އަށް ކާމިޔާބު ވެކްސިނެއް ލިބުމުގެ ކުރިން، އެ ބަލީގެ މަރުގެ އަދަދު ދެ ގުނަވެ، ދެ މިލިއަން އެރުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމިއްޔާގެ އެމަޖެންސީސް ޕްރޮގްރާމްގެ ވެރިޔާ މައިކް ރަޔަން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އެޅުން ލުއިކޮށްލައިފިނަމަ، ކޮވިޑް-19 އިގެ މަރުގެ އަދަދު ދެ މިލިއަނަށް އެރުން ވަރަށް ގާތް ކަމަށެވެ.

ކޮވިޑް-19 ޗައިނާ އިން ފެނިގެން މުޅި ދުނިޔެއަށް ފެތުރެން ފެށިފަހުން މިހާރު ނުވަ މަހެއްހާ ދުވަސްވެފައިވާއިރު، އެ ބަލީގައި މަރުވީ މީހުންގެ އަދަދު ވަނީ 988،000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

"އެއް މިލިއަނަކީ ވެސް ވަރަށް ބިރުވެރި އަދަދެއް. އަދި ދެ ވަނަ މިލިއަނަކާ މެދު ވިސްނުމުގެ ކުރިން، މީގެ ކުރިން ހިނގާ ދިއަ ކަންތައްތަކަށް ފިކުރު ހިންގާލަންޖެހޭ،" މި ބަލީގައި ކިތައް މީހުން މަރުވެދާނެކަމަށް ލަފާކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރަޔަން ވިދާޅުވި އެވެ.

"އެންމެން ގުޅިގެން އެ އަދަދަށް އެރިޔަ ނުދިނުމަށް ކުރެވުނު ހުރިހާ ކަމެއް ކުރުމަށް ތައްޔާރުތޯ؟ އެފަދަ ފިޔަވަޅުތައް ނާޅައިފިނަމަ، އެ އަދަދު އިތުރުވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު."

ކޮވިޑް-19 ފެތުރޭ މިންވަރު އެކި ގައުމުތަކުގައި އަދިވެސް އިތުރުވަމުންދާއިރު، ޒުވާނުންނަށް ތުހުމަތުގެ އިނގިލި ދިއްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.