ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެއް ދުވަހުން ކޮވިޑު ޖެހުނު މީހުންގެ އާ ރެކޯޑެއް

Sep 14, 2020

ބްރަސަލްސް (ސެޕްޓެމްބަރު 14) - ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން ރެކޯޑު އަދަދަކަށް ރިޕޯޓުކޮށްފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

އެގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 307,930 ކޭހެއް ރިޕޯޓުކޮށްފައިވާއިރު، އެ ވަގުތުގެ ތެރޭގައި 5،500 އަށް ވުރެ ގިނަ މަރާއެކު، ކޮވިޑުގެ ޝިކާރައަކަށްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 917,417 އަށް އަރައިފަ އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެންމެ ގިނައިން ބަލި ޖެހުނު މީހުން ރިޕޯޓުކޮށްފައިވަނީ އެމެރިކާ އާއި ބްރެޒިލްގެ އިތުރުން އިންޑިއާ އިން ނެވެ.

މީގެ ކުރިން އެއް ދުވަހުން އެންމެ ގިނައިން ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ދުވަހު ކޮވިޑު ޖެހުނު އަދަދަކީ 306,857 އެވެ.

މި ބަލި އެންމެ ބާރަށް މިހާރު ފެތުރެނީ އިންޑިއާގައި އެވެ. އެގޮތުން، މިދިއަ މަހު އިންޑިއާގައި ދެ މިލިއަނެއްހާ މީހުނަށް ބަލި ޖެހިފައިވާއިރު، އިންޑިއާ މިހާރު ވަނީ އެއް ގައުމަކުން އެންމެ ގިނައިން ބަލި ޖެހުނު މީހުންގެ ލިސްޓުގެ ދެވަނަ އަށް އަރައިފަ އެވެ.

އެ ލިސްޓުގެ އެއްވަނާގައި އަދިވެސް އެމެރިކާ އޮތް އިރު، ތިން ވަނާގައި އޮތީ ބްރެޒިލް އެވެ.

ގިނަ ގައުމުތަކުގައި ކޮވިޑް-19 އިގެ ކޭސްތައް އަނެއްކާވެސް އިތުރުވުމާ ގުޅިގެން، އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތައް އަލުން ލޮކްޑައުންކުރަން ވަނީ މަޖުބޫރުވެފަ އެވެ.

އެއާއެކު، މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 28 މިލިއަނާ ގާތްކޮށްފަ އެވެ.