ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިޔުއެޗްއޯއަށް އެހީ ކަނޑާލުމާމެދު އެމެރިކާއިން ދެވަނަ ވިސްނުމަކަށް

May 17, 2020

ވޮޝިންގްޓަން (މެއި 17) - ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުންދާ އެހީ ހުއްޓާލުމަށް ނިންމެވި ނިންމުމާމެދު އަލުން ވިސްނަވަމުންދާކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެގޮތުން، އިއްޔެ ޓްރަމްޕް ވިދާޅުވީ، ޑަބްލިޔުއެޗްއޯއަށް އެމެރިކާއިން ދެމުންއައި މާލީ އެހީތެރިކަމުގެ 10 ޕަސަންޓް ދިނުމަށް ވިސްނަވަމުންދާ ކަމަށާއި، ނަމަވެސް އެކަން އަދި ނުނިންމަވާ ކަމަށެވެ.

އެއް ގައުމަކުން ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އެމެރިކާ އެވެ. އެގޮތުން، މިދިޔަ އަހަރުވެސް އެމެރިކާ އިން 400 މިލިއަން ޑޮލަރުގެ އެހީއެއް ޑަބްލިޔުއެޗްއޯއަށް ދީފައިވެ އެވެ. އެއީ އެ ޖަމިއްޔާގެ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ.

އެހީ ދިނުން ހުއްޓާލުމަށް ނިންމަވަމުން ޓްރަމްޕް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ބަލި އެންމެ ފުރަތަމަ ފެތުރިގެން ދިއައިރު، ޑަބްލިޔުއެޗްއޯއިން އެތަކެއް ގޯސް ނިންމުންތަކެއް ނިންމާފައިވެ އެވެ.

އަދި ޗައިނާގައި އެ ބަލި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އެކަމުގެ ސައްހަ މައުލޫމާތު ފޮރުވަން ޑަބްލިޔުއެޗްއޯއިން މަސައްކަތް ކުރިކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ކޮރޯނާވައިރަސް ފެތުރިގެން ދިޔުމުގައި ވަރަށް ބޮޑަށް އިހުމާލުވެ، އެ ބައްޔާ ގުޅޭ މައުލޫމާތު ފޮރުވަން މަސައްކަތް ކޮށްފައި ވާތީ، ޑަބްލިޔުއެޗްއޯއަށް އެމެރިކާއިން ދޭ އެހީ ހުއްޓާލުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު ވާނީ އަންގާފައި،" ޑަބްލިޔުއެޗްއޯ ވަނީ ޗައިނާއާ އެއްކޮޅަށް ބުރަވެފައިވާ ކަމަށް މީގެ ކުރިން ތުހުމަތު ކުރައްވާފައިވާ ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، ޑަބްލިޔުއެޗްއޯގެ މައިގަނޑު މަސްއޫލިއްޔަތު އަދާ ކުރަން ނުކުޅެދިފައިވާތީ، އެކަމަށް އެ ޖަމިއްޔާ ޒިންމާދާރު ކުރުވަންޖެހެ އެވެ.

މުޅި ދުނިޔެ ބަލިމަޑުކަމަކާ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި ޑަބްލިޔުއެޗްއޯއަށް އެހީ ދިނުން ހުއްޓާލުމާއެކު، އދ.ގެ އިތުރުން ގިނަ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.