ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިޔުއެޗްއޯއިން ވަކިވާން ނިންމުމުން ޓްރަމްޕަށް ފާޑުކިއުން

May 31, 2020
2
ޑަބްލިޔުއެޗްއޯ އަކީ ޗައިނާގެ "ޕަޕެޓެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުން -- ފޮޓޯ: އީޕީއޭ
0%
0%
0%

ވޮޝިންގްޓަން (މެއި 31) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާ އޮންނަ ގުޅުން ކަނޑާލައި، އެ ޖަމިއްޔާގެ މެންބަރުކަމުން އެމެރިކާ ވަކިވާން ނިންމެވި ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާ ގުޅިގެން، އެ މަނިކުފާނަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ވެއްޖެ އެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް ޑަބްލިޔުއެޗްއޯއިން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، ޓްރަމްޕް އެންމެ ފުރަތަމަ ނިންމެވީ އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުންދާ އެހީ ހުއްޓާލުމަށެވެ.

އެއް ގައުމަކުން ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އެމެރިކާ އެވެ. އެގޮތުން، މިދިޔަ އަހަރުވެސް އެމެރިކާ އިން 400 މިލިއަން ޑޮލަރުގެ އެހީއެއް ޑަބްލިޔުއެޗްއޯއަށް ދީފައިވެ އެވެ. އެއީ އެ ޖަމިއްޔާގެ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ.

ނަމަވެސް، އިއްޔެ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓްރަމްޕް ވަނީ ޑަބްލިޔުއެޗްއޯގެ މެންބަރުކަމުން ވަކިވާން ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ.

"ކޮންމެހެން ބޭނުންވެފައި ހުރި އިސްލާހުތައް އެދިގެންވެސް ޑަބްލިޔުއެޗްއޯ އާއެކު އޮންނަ ގުޅުން ކަނޑާލައި، އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުން އައި މާލީ އެހީ، އެހެން ގާބިލު ޖަމިއްޔާތަކަށް ދޭން ވަނީ ނިންމާފައި،" ޓްރަމްޕް ވިދާޅުވި އެވެ.

އެ ނިންމެވުމާ ގުޅިގެން، އެމެރިކާގެ އެތެރެއިންނާއި ބޭރުންވެސް ކަންބޮޑުވުމާއި ފާޑުކިއުން ޓްރަމްޕަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާއާފާތެއްގެ ތެރެއިން، އެމެރިކާގެ އެ ނިންމުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި އެ ނިންމުމާމެދު އިތުރު ވިސްނުމަކަށް ދިއުމަށް އީޔޫން ވަނީ ގޮވާލައިފަ އެވެ.

ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އެމެރިކާގެ ސެނެޓުގެ ހެލްތު ކޮމިޓީގެ ޗެއާވެސް ވިދާޅުވީ، މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅުން ކަނޑާލަންވީ ވަގުތެއް ނޫން ކަމަށެވެ.

ޓްރަމްޕްގެ އެ ނިންމެވުމާއެކު، އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވާނެ ސީދާ ތާރީހެއް ނޭނގެ އެވެ. ސަބަބަކީ، 1948 ވަނަ އަހަރު އެ ޖަމިއްޔާއާއެކު އެމެރިކާއިން ވެފައިވާ އެއްބަސްވުމެއްގައި، ޖަމިއްޔާއިން ވަކިވާން ބޭނުންވާނަމަ، މަދުވެގެން އެއް އަހަރު ދުވަހުގެ ނޯޓިހެއް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ އެވެ.

ޑަބްލިޔުއެޗްއޯއަށް އަމާޒުވެފައިވާ ތުހުމަތުތަކަށް މިނިވަން ތަހުގީގެއް ކުރާނެ ކަމަށް އެ ޖަމިއްޔާ އެންމެ އިސްވެރިޔާ ޑރ. ޓެޑްރޯސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011