ކޮވިޑް-19 އާ ގުޅިގެން ހުރިހާ ގައުމުތަކެއް އެކީގައި މަސައްކަތް ކުރުމަށާއި، އެ ބަލި ސިޔާސީ ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ގޮވާލައިފި އެވެ.
ޑަބްލިޔުއެޗްއޯއިން މިގޮތަށް ގޮވާލާފައިވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިގެން ދިޔުމުގައި ޑަބްލިޔުއެޗްއޯ އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ޖަމިއްޔާއަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވަނިކޮށެވެ.
ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 90،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ބަލި އެންމެ ފުރަތަމަ ފެތުރިގެން ދިއައިރު، ޑަބްލިޔުއެޗްއޯއިން އެތަކެއް ގޯސް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
އަދި ވައިރަހާ ގުޅިގެން އެ ޖަމިއްޔާއިން ޗައިނާއާ އެއްކޮޅަށް ބުރަވެފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގުކުރައްވަމުން ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވީ އެ ޖަމިއްޔާއަކީ ވަކި ކުލައަކަށް ބެލުމެއްނެތި، ހުރިހާ ގައުމުތަކާވެސް ގާތްގުޅުމެއް ބާއްވަމުންދާ ޖަމިއްޔާއެއް ކަމަށެވެ.
"އެންމެ ބާރުގަދަ ގައުމުތަކުން މި ވަގުތު ނަމޫނާ ދައްކަންޖެހޭ. އަދި ކޮވިޑް-19 އާ ގުޅުވައިގެން ސިޔާސީ ގޮތުން ޕޮއިންޓު ހޯދުން ކަރަންޓީނު ކުރަންޖެހޭ،" އެމެރިކާ އަދި ޗައިނާއަށް އިޝާރާތް ކުރައްވަމުން ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ބަލާއާފާތެއްގެ ތެރެއިން، ގައުމުތަކަށް އެހީތެރިވެދީ، ބަލި ފެތެރުން ކޮންޓްރޯލްކުރުމަށް ޑަބްލިޔުއެޗްއޯއިން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަމަށް އދ.ގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން، މިދިޔަ ފެބްރުއަރީ މަހު ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ބަޖެޓު ޕްރޮޕޯސަލްގައި ވެސް، އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ކޮންމެ އަހަރަކު ދެމުން އައި 122.6 މިލިއަން ޑޮލަރު، 57.9 މިލިއަން ޑޮލަރަށް ތިރިކުރަން ވަނީ ހުށަހަޅައިފަ އެވެ.
ޑަބްލިޔުއެޗްއޯއަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްވެސް ވަނީ ދިފާއުކުރައްވައިފަ އެވެ. ގުޓެރޭސް ވިދާޅުވި ގޮތުގައި، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވަނީ ފަހުގެ ތާރީހެއްގައި ކުރިމަތިނުވާފަދަ ހާލަތެއް ކަމަށާއި، އެކަމާ ގުޅިގެން ކުރެވުނު މަސައްކަތުގެ ތެރެއިން ހެދުނު ގޯސްތައް ބަލައި، ދިރާސާ ކުރާނީ މިކަމުން އަރައިގަތުމަށްފަހު ކަމަށެވެ.
ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު އާ ކޮރޯނާ ވައިރަސް، މިހާރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށްވުރެ މައްޗަށް އަރައިފަ އެވެ.