ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިއުއެޗްއޯ އިން ވަކިވުމަށް އެމެރިކާ އިން މަސައްކަތް ފަށައިފި

Jul 8, 2020
1

ވޮޝިންގްޓަން (ޖުލައި 8) - ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަކިވުމުގެ މަސައްކަތް ރަސްމީކޮށް އެމެރިކާ އިން ފަށައިފި އެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް ޑަބްލިޔުއެޗްއޯއިން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ޖަމިއްޔާ އިން ވަކިވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މިދިއަ މެއި މަހުން ފެށިގެން ވިދާޅުވަމުންނެވެ.

އެގޮތުން، ޑަބްލިޔުއެޗްއޯއިން ވަކިވާން ބޭނުންވާކަން ޓްރަމްޕްގެ ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަންގައިފަ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޓްރަމްޕްގެ ސަރުކާރުގެ އެ ނިންމުން މިހާރު ވަނީ އދ. ސެކްރެޓަރީ ޖެނެރަލާވެސް ހިއްސާކޮށްފަ އެވެ.

ޓްރަމްޕް އެންމެ ފުރަތަމަ ނިންމެވީ އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުންދާ އެހީ ހުއްޓާލުމަށެވެ.

އެއް ގައުމަކުން ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އެމެރިކާ އެވެ. އެގޮތުން، މިދިޔަ އަހަރުވެސް އެމެރިކާ އިން 400 މިލިއަން ޑޮލަރުގެ އެހީއެއް ޑަބްލިޔުއެޗްއޯއަށް ދީފައިވެ އެވެ. އެއީ އެ ޖަމިއްޔާގެ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ.

"ކޮންމެހެން ބޭނުންވެފައި ހުރި އިސްލާހުތައް އެދިގެންވެސް ޑަބްލިޔުއެޗްއޯ އާއެކު އޮންނަ ގުޅުން ކަނޑާލައި، އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުން އައި މާލީ އެހީ، އެހެން ގާބިލު ޖަމިއްޔާތަކަށް ދޭން ވަނީ ނިންމާފައި،" ޓްރަމްޕް ވަނީ މެއި މަހު ވިދާޅުވެފަ އެވެ.

1948 ވަނަ އަހަރު އެ ޖަމިއްޔާއާއެކު އެމެރިކާއިން ވެފައިވާ އެއްބަސްވުމެއްގައި، ޖަމިއްޔާއިން ވަކިވާން ބޭނުންވާނަމަ، މަދުވެގެން އެއް އަހަރު ދުވަހުގެ ނޯޓިހެއް ދޭންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން، އަންނަ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕް ނާކާމިޔާބުވެއްޖެނަމަ، ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު އެ ނިންމުން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.