ވޮޝިންގްޓަން (އޭޕްރީލް 15) - ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ޖަމިއްޔާއަށް އެމެރިކާއިން ދެމުންދާ އެހީ ހުއްޓާލުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމާބެހޭ އިިދާރާތަކަށް އަންގަވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ބަލި އެންމެ ފުރަތަމަ ފެތުރިގެން ދިއައިރު، ޑަބްލިޔުއެޗްއޯއިން އެތަކެއް ގޯސް ނިންމުންތަކެއް ނިންމާފައިވެ އެވެ.
އަދި ޗައިނާގައި އެ ބަލި އެންމެ ފުރަތަމަ ފެތުރެން ފެށިއިރު، އެކަމުގެ ސައްހަ މައުލޫމާތު ފޮރުވަން ޑަބްލިޔުއެޗްއޯއިން މަސައްކަތް ކުރިކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"ކޮރޯނާވައިރަސް ފެތުރިގެން ދިޔުމުގައި ވަރަށް ބޮޑަށް އިހުމާލުވެ، އެ ބައްޔާ ގުޅޭ މައުލޫމާތު ފޮރުވަން މަސައްކަތް ކޮށްފައި ވާތީ، ޑަބްލިޔުއެޗްއޯއަށް އެމެރިކާއިން ދޭ އެހީ ހުއްޓާލުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު ވާނީ އަންގާފައި،" ޑަބްލިޔުއެޗްއޯ ވަނީ ޗައިނާއާ އެއްކޮޅަށް ބުރަވެފައިވާ ކަމަށް މީގެ ކުރިން ތުހުމަތު ކުރައްވާފައިވާ ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، ޑަބްލިޔުއެޗްއޯގެ މައިގަނޑު މަސްއޫލިއްޔަތު އަދާ ކުރަން ނުކުޅެދިފައިވާތީ، އެކަމަށް އެ ޖަމިއްޔާ ޒިންމާދާރު ކުރުވަންޖެހެ އެވެ.
އެއް ގައުމަކުން ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އެމެރިކާ އެވެ. އެގޮތުން، މިދިޔަ އަހަރުވެސް އެމެރިކާ އިން 400 މިލިއަން ޑޮލަރުގެ އެހީއެއް ޑަބްލިޔުއެޗްއޯއަށް ދީފައިވެ އެވެ. އެއީ އެ ޖަމިއްޔާގެ ޖުމްލަ ބަޖެޓުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ.
ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވަމުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވި ގޮތުގައި، މިއީ ޑަބްލިޔުއެޗްއޯއަށް އެހީ ކަނޑާލަންވީ ވަގުތު ނޫނެވެ. .
އެމެރިކާއިން ދޭ އެހީ ކަނޑާލަން ނިންމާފައިވަނީ، ކޮވިޑް-19 އިގެ ބަލާއާފާތާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ޑަބްލިޔުއެޗްއޯއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
"ކޮވިޑް-19 އިގެ ބަލާއާފާތުގެ ތެރެއިން، އެމެރިކާގެ ދީލަތިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވެމުންދާ ކަމުގެ ކަންބޮޑުވުން އެބައޮތް،" އިއްޔެ ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.