ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެޒިލްގައި ކޮވިޑް-19 ޖެހުނު އަދަދު މިލިނައަކަށް ވުރެ މައްޗަށް

Jun 20, 2020

ރިއޯ ޑިޖެނޭރޯ (ޖޫން 20) - ކޮވިޑް-19 އިގެ ކޭސްތައް ކޮންޓްރޯލެއް ނެތި ފެތުރެމުންދާއިރު، ދުނިޔޭގައި ވެސް އެ ބަލި ޖެހުނު މީހުން އެއް މިލިއަން ހުރަސްކުރި ދެ ވަނަ ގައުމަކަށް ބްރެޒިލް ވެއްޖެ އެވެ.

ބްރެޒިލްގައި ބަލި ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވަނީ، އިއްޔެ އެކަނި ކޮވިޑް-19 އިގެ 54،000 ކޭހެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭގެ އިތުރުން، ވިދިވިދިގެން ހަތަރު ދުވަހު ހާހަކާށް ވުރެ ގިނަ މީހުން މަރުވެ، ޖުމްލަ މަރުގެ އަދަދު މިހާރު ވަނީ 49،000 އާ ގާތްކޮށްފަ އެވެ.

ނަމަވެސް، ޓެސްޓު ކުރެވޭ މިންވަރު އަދިވެސް އެކަށީގެންނުވާތީ، އެ އަދަދުތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ބްރެޒިލްގައި ރެކޯޑް މިންވަރެއްގައި ބަލި ފެތުރެމުންދާއިރު، ކޮވިޑް-19 އިގެ މުޅީން އާ އަދި އިތުރަށް ނުރައްކާތެރި މަރުހާލައަކަށް ގޮސްފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވެފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި އަނެއްކާވެސް ފެތުރިގެން ގޮސްފައިވާކަމުގެ ރިޕޯޓުތައް ލިބެން ފަށާފައިވަނީ، ލޮކްޑައުން އާ ގުޅިގެން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، އިގުތިސޯދު އަލުން ހިންގަން ފެށުމަށް ސަރުކާރުތަކުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ބްރެޒިލްގެ އިތުރުން ލެޓިން އެމެރިކާގެ ގިނަ ގައުމުތަކުގައި އެ ބަލީގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފަ އެވެ. އެގޮތުން، ޗިލީ އަދި ޕެރޫގައި ވެސް ކޭސްތައް އިތުރުވެފައިވާއިރު، މެކްސިކޯގައި އެ ބަލީގެ ޝިކާރައަކަށްވި މީހުންގެ އަދަދު ވަނީ 20،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެ ބަލި ބްރެޒިލްގައި ފެތުރެން ފެށުނު ފަހުން، ރައީސް ޖައިރު ބޮލްސެނާރޯ ގެންދަވަނީ އެ ބަލީގެ ނުރައްކާތެރިކަން ކުޑަކަމަށް ވިދާޅުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފާޅުގައި ގޮންޖައްސަވައި، ހުރަސް އަޅުއްވަމުންކަމަށް ބުނެ، ގިނަ ބައެއްގެ ފާޑިކިޔުން ވަނީ އަމާޒުވެފަ އެވެ.