ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ފަގީރުންނަށް އެލަވަންސް ދޭން އދ. އިން ގޮވާލައިފި

Jul 23, 2020

ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އެ ގައުމެއްގެ ފަގީރުންނަށް ވަގުތީ އެލަވަންސެއް ދިނުމުން، ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތްތަކަށް އިތުރު ބާރަކަށްވާނެކަމަށް އދ. އިން ބުނެފި އެވެ.

ޔޫއެންޑީޕީން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ، ކޮވިޑް-19 އިގެ ސަބަބުން އާމްދަނީ ހޯދޭނެ ދޮރުތައް ބަންދުވެފައިވާ ފަގީރުންނަށް އިންކަމް ސަޕޯޓުގެ ގޮތުގައި ވަގުތީ އެލަވަންސެއް ދިނުމުން، ކާބޯތަކެއްޗާއި ބޭސް ގަތުމުގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްވެސް ސަރުކާރުތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އެގޮތުން، ހާއްސަކޮށް ކުރިއަރަމުން އަންނަ ތަފާތު 132 ގައުމެއްގައި ދިރިއުޅޭ 2.7 ބިލިއަން ފަގީރުންނަށް އެއްވެސް ޝަރުތަކާނުލާ، ނަގުދު ފައިސާގެ ގޮތުގައި ކޮންމެވެސް އަދަދެއް ދިނުމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޔޫއެންޑީޕީން ހިސާބުކޮށްފައިވާ ގޮތުން، ކުރިއަށްއޮތް އަހަރު ދުވަހަށް ބަލާނަމަ، އެފަދަ ޕްރޮގްރާމެއް ހިންގުމަށް 199 އާއި 465 ބިލިއަން ޑޮލަރުގެ އަދަދެއް ހޭދަވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑް-19 އިގެ ސަބަބުން އިގުތިސޯދުތަކަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ގިނަ ގައުމުތަކުން ތަފާތު ޕެކޭޖުތައް ތައާރަފްކޮށްފައިވީ ނަމަވެސް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވަޒީފާ ގެއްލި، އާމްދަނީ ހުއްޓިފައިވާ މީހުނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަމަށް ޔޫއެންޑީޕީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގައި، ދުވަހު މަސައްކަތުގައި އުޅޭ ގިނަ ބަޔަކު ރަސްމީ ތަފާސް ހިސާބުތަކުގެ ތެރޭގައި ނުހިމެނޭކަންވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، ފަގީރުންނަށް އިންކަމް ސަޕޯޓު ދިނުމަށް އިތުރު ޓެކްސްތަކާއި ލޯނު ނެގުމުގެ ބަދަލުގައި، މިހާރު ހުރި ވަސީލަތްތަކުގެ ބޭނުންހިފުމަށް ޔޫއެންޑީޕީން ވަނީ ލަފާދީފަ އެވެ.

އެގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުން މިއަހަރު 3.1 ޓްރިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކަންޖެހޭއިރު، އެ ދަރަނި ދެއްކުން ފަސްކޮދިނުމަށްފަހު، އެ ފައިސާ ފަގީރުންނަށް އިންކަމް ސަޕޯޓެއް ދިނުމަށް ބޭނުންކުރެވިދާނެކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.