ގްރޭޓާ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާ ވިލިނގިލިއާ ދެމެދު ކަނޑުގެ ސަރަހައްދުގައާ ވިލިނގިލި ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށައިފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ތިލަމާލެ ބްރިޖުގެ އިންވެސްޓިގޭޝަން މަސައްކަތްތަކަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދާއިރު ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށާ އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން މި މަސައްކަތް ނިމެންދެން އެކަމަށް ސަމާލުކަން ދީގެން ދަތުރުތައް ކުރުމަށް ވަނީ އަންގާފައެވެ.
އަދި މި ސަރަހައްދުގައި ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ ރައްކާތެެރި ކަމަށް ނުވާތީ މިއަދުން ފެށިގެން މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަސައްކަތުގެ ތެރެއިން ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާނެ އެވެ. އަދި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނަށް އެ މަސައްކަތް ކުރާނެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށާއި މާލެ އާއި ވިލިނގިލި ގުޅިފަޅު ތިލަފުށީ ހިމެނޭ ގޮތައް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށެވެ. އަދި ލޭންޑް ސާވޭތަކެއް މާލެ ގުޅިފަޅު އަދި ތިލަފުށީގައި ކުރިޔަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ސާވޭގެ މަސައްކަތް އަންނަ ޖުލައި މަހު 7 ގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެއަށް ފަހު މި އަހަރު ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ވެސް ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިޔާގެ ލޯނުގެ އެހީގައި އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި މަޝްރޫއު ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސް އިންޑިޔާގައި ކުރިޔަށް ދާ ކަމަށާއި ވަރަށް އަވަހަށް ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ވެސް ސަަރުކާރުން ބުނެފައިވެ އެވެ.