ހަބަރު

ސަރުކާރުން ނިއުޕޯޓްގައި ބޮޑުތަޅު އަޅުވައިފި

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ އިމާރާތުގައި ޕްލޭނިން މިނިސްޓްރީން ބޮޑުތަޅު އަޅުވާ ބަންދު ކޮށްފި އެވެ.

ނިއު ޕޯޓް ހިންގި ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެތާނގެ މައްސަލަ ޝަރީއަތުގައި ވަނިކޮށް ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިސްކޮށް ހުންނަވާ 10 ވަރަކަށް މީހުންނާއެކު ނިއުޕޯޓް ވިއުއަށް ގަދަބާރުން ވަދެފައިވާ ކަމަށެވެ. ނިއުޕޯޓަށް އެމީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ކޯޓް އަމުރެއް ވެސް ނެތި ކަމަށާ ދިޔައީ އެތަން ހުސް ކުރަން ކަމަށް ކުންފުނީގެ މުވައްޒިފުންނަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ކަމެއް ކުރާކަން ޕްލޭނިން މިނިސްޓްރީ އާއި ސަރުކާރުގެ އެެހެން އިދާރާއަކުން ވެސް އެ ކުންފުންޏަށް އަންގާފައިނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"... ތަނުގެ ތަޅު ހަލާކުކޮށް ހުއްދަނެތި އިމާރާތުގެ ތެރެއަށްވަދެ މި ކުންފުނީގެ މުދާ ހާވާ، ފޮޓޯ ނަގައި، ތަނުގައި ފިލާ ޖެހުމަށްފަހު ބޮޑު ތަޅެއް ހަރުކޮށް ވަނީ ބަންދުކޮށްފައި. ސަރުކާރު ރަސްމީކޮށް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި ކުލަ ހެދުމުގައި އެއްވެސް ރަސްމީ ލިޔެކިޔުމެއް ދެއްކުމަކައި ނުލައި ބަޔަކު ގޮސް މިފަދައިން ކަންކަންކޮށްފައިވާ މައްސަލަ މިހާރު ވާނީ ފުލުސް އޮފީހަށް ހުށައަޅާފައި،" ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.

އެ ކުންފުނިން ބުނީ ސަރުކާރުގެ އެތައް މުވައްޒިފުންނެއް ނެރެގެން ނިއުޕޯޓްވިއު މިއަދު ބަންދުކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. ސަރުކާރުން މިކަން ކޮށްފައިވަނީ ހައްގާއި އިންސާފުގެ ބޭރުން، ސިޔާސީ ގޮތުން އެ ކުންފުންޏަށް މެސެޖެއް ދިނުމުގެ ނިޔަތުގައި ކަމަށެވެ.

މި މައްސަލަ މިހާރު ހައިކޯޓާ ކަމާބެހޭ އެހެން ފަރާތްތަކަށް ވެސް ހުށައަޅާފައިވާއިރު ތަނުގައި ހުރި އެކުންފުނީގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށްވެސް ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައި ވެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާށައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް ސްޓާރާޑާ ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 22، 2016 ގަ އެވެ. އެންމެ ފުރަތަމަ އެ ބިން އެ ކުންފުންޏަށް ތިން އަހަރަށް ހަވާލު ކުރި ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރު ކުރި އެވެ.

ނަމަވެސް އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލު ކޮށްފަ އެވެ. އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ނަމަވެސް މައްސަލަ އަދިވެސް ޝަރުއީ މަރުހަލާއިން އަދި އޮތީ ނުނިމި އެވެ.