ރިސޯޓުގެ މުވައްޒަފެއް، އެ ރިސޯޓުން ފޭބުމަށް ހުއްދަ ނުދީފިނަމަ އަމިއްލަ ނަފުސަށް ގެއްލުން ދޭނަމޭ ބުނުމުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ވ. ސިނަމަން ވެލިފުށި ރިސޯޓުގައި ހިނގި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރިސޯޓުން ފައިބަން މެޑިކަލް ސެޓްފިކެޓެއް ނުދިނުމުން އަމިއްލަ ނަފުސަށް ގެއްލުން ދޭނެ ކަމަށް އިންޒާރު ދިނުމުންނެވެ.
އަދި، އޭނާއަށް ކަމެއް ދިމާވުމުގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު، ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަނީ ރަށްރަށުން މީހުން ރިސޯޓުތަަކަށް ދިޔުމާއި ރިސޯޓުން މީހުން ފޭބުން މަނާކޮށްފަ އެވެ.
ނަމަވެސް އެކަން މަނާކުރި ފަހުން ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ވަނީ އެ އެންގުމާ ހިލާފަށް އަމަލުކޮށްފައެވެ. އެ މީހުން ފުލުހުން ހައްޔަރުކޮށްފައިވާއިރު ބައެއް މުވައްޒިފުން ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން ރިސޯޓްގައި ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ނަމަވެސް ފުލުހުން ގެންދަނީ އެފަދަ މީހުން ހައްޔަރު ކުރަމުންނެވެ. އެގޮތުން ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން އެ ރިސޯޓުގައި ރޯކޮށްލާނެ ކަމަށް ބުނި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.
މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ފަތާފައި އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށް ބުނެފައިވާ ކަމަށެވެ.
ރިސޯޓްތަކަށް އެރުމާއި، ފޭބުން މަނާކޮށްފައިވަނިކޮށް އެ އެންގުމާ ހިލާފުވާ ފަރާތްތައް އެކުރަނީ ކުށެއް ކަމަށާ އެފަދަ މައްސަލަތައް ބަލާ ދައުވާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.