ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނުނަގާތީ ކަންބޮޑުވުން ފާޅުކޮށްފި

ކޮވިޑް ފެތުރޭތީ ރައްކާތެރި ނޫން ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ރެޑް ލިސްޓުން ރާއްޖެ ނުނަގާތީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޑރ. ފަރަހަނާޒް ވިދާޅުވީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން އަދިވެސް ރާއްޖެ ނުނަގާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ދެރަވެއްޖެ. ރާއްޖެ ކުރިން ޔޫކޭގެ ރެޑް ލިސްޓަށް ލުމުގެ ކުރިން ކޮވިޑް ކޭސްތައް ހުރި އަދަދަށް ވުރެ މާ ދަށަށް ރާއްޖޭގެ ކޭސްތައް މިހާރު މިވަނީ ވެއްޓިފައި. އަދި 18 އަހަރުން މަތީގެ 72 ޕަަސެންޓް މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް 55 ޕަސެންޓް މީހުން ވަނީ ފުރިހަމަ ވެސް ކޮށްފައި" ފަރަހަނާޒް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވުމުގެ ކުރިން އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުން ނެވެ. އޭރު ރާއްޖެ އޮތީ އިނގިރޭސިވިލާތުގެ ލިސްޓުގަ އެވެ. އެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރާ މީހުން އެނބުރި ގައުމަށް ގޮސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ. ނަމަވެސް ކޮވިޑް ފެތުރުން ހަމައިން ނެއްޓުމުން އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް ރާއްޖެ އެރުމާއެކު އެނބުރި ގައުމަށް ގޮސް ކަރަންޓީނުވާން ޖެހޭތީ އިނގިރޭސިވިލާތުގެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ ރާއްޖެ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި އަދިވެސް ހިމަނާފައި އޮތީ ރާއްޖޭގެ އާބާދީއާ ބަލައި ކޮވިޑް ފެތުރޭ މިންވަރަށް ބެލުމަށް ފަހު ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ މިހާރު ހާލަތާއި އަދި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވައިވާ ފިޔަވަޅުތައް އިނގިރޭސިވިލާތާ އިތުރަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑުމެން އެކަންޏެއް ނޫން ލުއި ބޭނުންވަނީ. ޔޫކޭގެ ޓްރެވަލް ޓްރޭޑުންވެސް އަދި އެގައުމުގެ ފަތުރުވެރިން ވެސް ވަރަށް ބޮޑަށް ލުއި ބޭނުންވޭ. އެހެންވީމަ މި އުއްމީދު ކުރަނީ ދެން އަންނަ ރިވިއުއެއްގައި އެމްބާއާ ހަމައަށް ދެވޭނެކަމަށް. ހާއްސަކޮށް ކޮވިޑްގެ ކޭސްތައް މިހިރަ ޓްރެންޑްގައި މަދުވަމުންދާކަމަށް ވަނިއްޔާ." މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތުގެ ލިސްޓުތައް އަލުން ރިވިއުކުރާ އިރު ކުރިން ރިވިއުކުރި ގޮތަށް ރިވިއު ނުކުރަންވެސް ނިންމާފައިވާ ކަމަށެވެ.

"ބުނެފައި އެބައޮތް ހަމަ ވަރަށް ފްރީކުއަންޓް (އަވަސް އަވަހަށް)ވެސް ރިވިއުކޮށްފާނަމޭ. އެހެންވީމާ މިއަދު ރިވިއުކުރުމުގެ ފުުރުސަތެއްވެސް އެބައޮތް. ހަމަ މިއަދު ރިވިއުކުރާތަނުން ރާއްޖެ އެމްބާގެ ލިސްޓަށްވެސް އަރާފާނެ" މައުސޫމް ވިދާޅުވި އެވެ.