އިނގިރޭސިވިލާތް

ރާއްޖެ އަދިވެސް ޔޫކޭގެ ރެޑް ލިސްޓްގައި

އިނގިރޭސިވިލާތުގެ ގްރީން ލިސްޓުގައި ރާއްޖެ މި ފަހަރުވެސް ނުހިމެނުމަށް އެ ގައުމުން ނިންމައިފި އެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ވެކްސިންގައި ރާއްޖެ ހޯދަމުންދާ ކާމިޔާބީގެ ސަބަބުން ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިވާނެ ކަމަށް މިފަހަރު އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.

ރާއްޖެއާ ސިޔާސީ ގުޅުން ވަރުގަދަ -މި ސަރުކާރާ ގާތް- އެންމެ ދުވަސްވީ ޓޫރިޒަމް މާކެޓު ކަމަށްވާ އިނގިރޭސިވިލާތުން ވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ ގައުމުގެ ރައްޔިތުން ދަތުރުކުރަން ރައްކާތެރި މަންޒިލްތަކުގެ ލިސްޓު އަލުން އައުކޮށްފައެވެ. ނަމަވެސް މި ފަހަރުވެސް ރާއްޖެ އޮތީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ރެޑް ލިސްޓްގައެވެ.

ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ އޮތް ސަބަބު ސާފު ކުރަން އަވަސް އިން ސުވާލު ކުރުމުން އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މި މަހުގެ ކުރީކޮޅު ވިދާޅުވި ގޮތުގައި ރާއްޖެ އެ ލިސްޓްގައި ޖިނޯމިކް ސީކުއެންސިން ޓެސްޓް ނަހަދައިގެންނެވެ. ޖިނޯމިކް ސީކުއެންސިން ޓެސްޓަކީ އެ ގައުމެއްގައި ފެތުރެނީ ބަލީގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މި ޓެސްޓް ހަދަން އިނގިރޭސި ވިލާތުން އެދެނީ އެ ގައުމުން އެކުލަވައިލާ ރެޑް ލިސްޓުން ގައުމެއް އުނި ކުރަން ބޭނުންވާ ނަތީޖާ ހޯދާށެވެ. މި ޓެސްޓްގައި ފަސް ޕަސެންޓް ޕޮޒިޓިވިޓީ ބޭނުންވާނެ އެވެ. ރާއްޖެއިން އެ ޓެސްޓް ހެދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނޯމިކް ސީކުއެންސިން ޓެސްޓިންގެ ޑޭޓާ މިހާރު އަޕްޑޭޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވިއެވެ. އެެހެން ކަމުން އެ ގައުމުގެ ރެޑްލިސްޓްގައި ރާއްޖެ އޮންނަން ޖެހޭ އެކަށީގެންވާ ސަބަބެއް މިހާރު އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ދެރަވެއްޖެ. ރާއްޖެ ކުރިން ޔޫކޭގެ ރެޑް ލިސްޓަށް ލުމުގެ ކުރިން ކޮވިޑް ކޭސްތައް ހުރި އަދަދަށް ވުރެ މާ ދަށަށް ރާއްޖޭގެ ކޭސްތައް މިހާރު މިވަނީ ވެއްޓިފައި. އަދި 18 އަހަރުން މަތީގެ 72 ޕަަސެންޓް މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް 55 ޕަސެންޓް މީހުން ވަނީ ފުރިހަމަ ވެސް ކޮށްފައި" ފަރަހަނާޒް ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ނަމަވެސް މިފަހަރުގެ ލިސްޓްގައިވެސް ރާއްޖެ ނެތުމުން ސަފީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމަނާ ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުންދާ ދިއުމާއި ވެކްސިން ޖެހުމުގައި ރާއްޖެ ހޯދާފައިވާ ބޮޑު ކާމިޔާބީއާއެކުވެސް ގްރީން ލިސްޓުން ފުރުސަތު ނެތީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހަތަރުވަނަ ރާޅަކަށްފަހު މިހާރު ނަމްބަރުތައް ވަނީ ދަށްވެފަ އެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 35 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 59 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 14 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،681 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،684 މީހުންނެވެ. މިހާތަނަށް 78،514 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 10 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.