ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނިއުޔޯކް ކަރަންޓީނު ކުރަން ޓްރަމްޕް ދެކޮޅު ހައްދަވައިފި

Mar 29, 2020
2

ނިއުޔޯކް (މާޗް 29) - ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާ ނިއުޔޯކް ސިޓީ ކަރަންޓީނު ކުރުމަކީ ބޭނުން ކަމެއް ނޫން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް، ނިއުޔޯކްގެ އިތުރުން ނިއު ޖާޒީ އާއި ކަނެޓިކަޓް ކަރަންޓީނު ކުރަން ވިސްނަވަމުންދާ ކަމަށް ޓްރަމްޕް މީގެ ކުރިން ވިދާޅުވި ނަމަވެސް، އެފަދަ ފިޔަވަޅެއް ނާޅަން ނިންމެވީ ވައިޓް ހައުސްގައި ގާއިމު ކޮށްފައިވާ ކޮވިޑް-19 އާ ގުޅޭ ޓާސްކް ފޯސްގެ ލަފާގެ މަތީން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ނިއުޔޯކްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 52،000 އަށް އަރާފައިވާއިރު، އެއީ މުޅި އެމެރިކާއިން ރިޕޯޓު ކޮށްފައިވާ އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެކެވެ.

ކަރަންޓީނު ކުރުމުގެ ބަދަލުގައި، މިހާރު އެ ތިން ސްޓޭޓަށް ދަތުރުފަތުރުކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

ނިއުޔޯކްގެ ގަވަރުނަރުވެސް ވަނީ އެ ސިޓީ ލޮކްޑައުން ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެންޑްރޫ ކުއޯމޯ ވިދާޅުވީ ނިއު ޔޯކް ލޮކްޑައުން ކޮށްފި ނަމަ، އެމެރިކާގެ މާލީ ދާއިރާ ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 1،800 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ. ބަލީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް، ޓްރަމްޕްގެ ސަރުކާރުން ވަނީ 2.2 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިގުތިސޯދީ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ.

މުޅި ދުނިޔޭގައި މަޑުޖެހުމެއްނެތި ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 660،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ބަލީގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.