ވޮޝިންގްޓަން (މާޗް 30) - މިހާރު މުޅި ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ކޮވިޑް-19، އެމެރިކާގެ އެތަކެއް މިލިއަން މީހުނަކަށް ޖެހި، އެ ބަލީގައި 200،000 އަށް ވުރެ ގިނަ މީހުން މަރުވުމުގެ ފުރުސަތު ބޮޑުކަމަށް ވައިޓްހައުސްގެ ސިއްހީ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި އެ ބަލި މިހާރު ފެތުރެމުންދާ ދުވެއްޔަށް ބަލާއިރު، ފައުޗީ ވިދާޅުވި ގޮތުގައި އެމެރިކާގައި މަރުގެ އަދަދު 100،000 އާއި 200،000 އާ ދެމެދަށް އަރައިފާނެ ކަމަށެވެ.
ފައުޗީ މި ގޮތަށް އިންޒާރުދެއްވިއިރު، އެމެރިކާގައި މީހުން އެއްވެ އުޅުން ހަނިކުރުމަށް އަޅާފައިވާ ފިޔަވަޅު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް އިތުރުކުރައްވައިފަ އެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 140،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޗައިނާ އަދި އިޓަލީއަށް ވުރެ އިތުރު އަދަދެކެވެ.
އެގޮތުން، އެމެރިކާގައި އެ ބަލި ޖެހިގެން މިހާތަނަށް 2،493 މީހުން ވަނީ މަރުވެފަ އެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، އެ ބައްޔާ ދެކޮޅަށް ކާމިޔާބު ހޯދޭނީ ސޯޝަލް ޑިސްޓަންސިން އިތުރުކޮށްގެން ކަމަށެވެ.