ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕަބްލިކްގައި ފުރަތަމަ ފަހަރަށް ޓްރަމްޕް މާސްކު އަޅުއްވައިފި

Jul 12, 2020

ވޮޝިންގްޓަން (ޖުލައި 12) - ކޮވިޑް-19 އިގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން، ޕަބްލިކްގައި ފުރަތަމަ ފަހަރަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކު އަޅުއްވައިފި އެވެ.

"އަޅުގަނޑު އެއްވެސް އިރެއްގައި މާސްކު އެޅުމާ ދެކޮޅެއް ނޫން. އެކަމަކު އެކަމަށް ވެސް ވަކި ވަގުތަކާއި ތަނެއް މުހިއްމުވޭ،" ވެރިރަށް ވޮޝިންގްޓަންގައި ހުންނަ ވޯލްޓާ ރީޑް އަސްކަރީ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ޓްރަމްޕް މީޑިއާތަކަށް ވިދާޅުވި އެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ވާދަވެރިޔާ ޖޯ ބައިޑެން މާސްކު އަޅުއްވާތީ ފާޑުވިދާޅުވެފަ އެވެ. އަދި މާސްކު ނާޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ޓްރަމްޕް މިއަދު ވިދާޅުވީ ހޮސްޕިޓަލަކަށް ގޮސް ބަލި މީހުނާ ބައްދަލުވާފަދަ މާހައުލެއްގައި މާސްކު އެޅުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

މާސްކު އެޅުއްވުމަށް އަރިސް ބޭފުޅުން ތަކުރާރުކޮށް ނަސޭހަތްތެރިވަމުންދިއަ ނަމަވެސް، މާސްކު އެޅުއްވުމަށް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ވެސް ވަނީ ބުނެފަ އެވެ.

ޓްރަމްޕް އެންމެ ފަހުން މާސްކު އެޅުއްވިއިރު، އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު އަދިވެސް ދަނީ މައްޗަށެވެ. އެގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އިތުރު 66،528 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އެމެރިކާގައި އެ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އަދަދުވެސް ވަނީ 135،000 އާ ގާތްކޮށްފަ އެވެ.