ވޮޝިންގްޓަން (ޖުލައި 14 - ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދާ ކޯސްތަކުގައި އުޅޭ ބޭރުގެ ދަރިވަރުންނަށް ވިސާ ދޫ ނުކުރަން އެމެރިކާގެ ކަމާގުޅޭ އިދާރާއިން ނިންމި ނިންމުމާ ގުޅިގެން، އެމެރިކާގެ 17 ސްޓޭޓެއްގެ 200 އަށްވުރެ ގިނަ ޔުނިވާސިޓީތަކުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން އާއްމުކުރި އާ އުސޫލުތަކުގެ ދަށުން، ކުރިއަށް އޮތް ސެމިސްޓާގައި ހުރިހާ ކްލާސްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޮލެޖުތަކާއި ޔުނިވާސިޓީގައި ކިޔަވާ ބޭރުގެ ދަރިވަރުންނަށް ވިސާ ދޫނުކުރަން ވަނީ ނިންމައިފަ އެވެ.
އެގޮތުން، މިހާރު އެމެރިކާ ތިބި ބޭރުގެ ދަރިވަރުން ކްލާސްތަކަށް ހާޒިރުވެގެން ކިޔަވައިދޭ ކޮލެޖަކަށް ބަދަލުނުވެއްޖެނަމަ، އަނބުރާ ފޮނުވާލުމުގެ މަރުހަލާ ފަށާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.
ހާވަޑާއި އެމްއެއިޓީ ފަދަ ބޮޑެތި ޔުނިވާސިޓީތައް ހިމެނޭ ގޮތަށް ބޮސްޓަންގެ ފެޑެރަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، އެ ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އަދި އެ ނިންމުމަކީ، ދަރިވަރުން ކްލާހަށް ހާޒިރު ކޮށްގެން، ކިޔެވުން ކުރިއަށް ގެންދިއުމަށް މަޖުބޫރު ކުރުވުމުގެ ބޭނުމެއްގައި ނިންމި ނިންމުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އައިސް އިން މިއަހަރު ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގައި ތައުލީމު ހާސިލުކުރުމަށް 1.55 މިލިއަން ސްޓޫޑަންޓް ވިސާ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 1.3 މިލިއަން ވިސާ ދޫކޮށްފައިވަނީ މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ބޭރުގެ ދަރިވަރުންނަށެވެ.