އެޑިޓަރުގެ ނޯޓް: މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިގެ ބަލާއާފާތުގެތެރޭ ރާއްޖެ އިގްތިސޯދީ ވަޅުގަނޑަކަށް ވެއްޓި ބޮޑު ތަަދުމަޑު ކަމަކަށް ދިއުމުގެ ކުރީން ކޮންމެހެން އަޅާން ޖެހޭ ބައެއް ފިޔަވަޅުތައް ފާހަ ކުރައްވާ އިދިކޮޅު ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރި ކުރައްވާ އުމަރު ނަސީރު ލިޔުއްވާފައިވާ އޭނާގެ އޮޕްއެޑް ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ އަވަސް އޮންލައިނުން ގަބޫލު ކުރާ އުސޫލުތަކާއި އާންމު ހަމައިގެ ތެރެއަށް ލިޔުން ފައްތާލުމަށް ބައެއް އަކުރު ފިއްޔާއި ތިކިތައް އުނި ކޮށްލުމަށްފަހު އަސްލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައެވެ.
__________________________________________________
ގައުމުތަކަށް އިގްތިސޯދީ ދަތިތަކާ ކުރިމަތިވުމުން ބައިނަލްއަގުވާމީ މާލީ އިދާރާ ނުވަތަ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީއަށް އެދެ އެވެ. އައިއެމްއެފަކީ ދުނިޔޭގެ އިގްތިސޯދާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމަށް އދ. އިން އުފައްދައިފައިވާ، 189 ގައުމެއް ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ. އައިއެމްއެފުން ލޯނުގެ ގޮތުގައި އެކިއެކި "ރެސްކިޔު" ލޯނު ޕެކޭޖްތައް ދެއެވެ. ނަމަވެސް މި ލޯނުތައް ދެނީ ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން 80 ގައުމަކުން މިހާރުވެސް އައިއެމްއެފްގެ ލޯނުގެ އެހީ އަށް އެދިފައި ވެއެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް 19 މާޗް 2020 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނެރުއްވި އެ އޮތޯރިޓީގެ ނޫސް ބަޔާނުގެ ހަ ވަނަ ނުކުތާ ގައި "އެމްއެމްއޭ އާއި ސަރުކާރު ގުޅިގެން އައިއެމްއެފް ގެ މާލީ އެހީތެރިކަން ހޯއްދަވާނެ" ކަމަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 26 މާޗް 2020 ގައި ބޭއްވެވި ނޫސް ކޮންފަރެންސް އެއްގައި ވިދާޅުވީ އައިއެމްއެފް އިން ލޯނެއް ނެންގެވުމުގެ ވިސްނުންފުޅު ނުގެން ގުޅުއްވާ ކަމަށެވެ.
އައިއެމްއެފް ގެ އެހީ ހޯދުމާ ގުޅޭ ގޮތުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ކޮންމެ ގޮތަކަށް ނިންމެވިޔަސް، މި ލިޔުމުގައި މި ބަލައިލަނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ވެއްޓިފައިވާ މި އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް އައިއެމްއެފްގެ އެހީއަށް އެދިއްޖެ ނަމަ ރާއްޖެއަށް ކުރިމަތި ކުރުވާނޭ ޝަރުތުތަކާއި، އަދި އެ ޝަރުތުތައް ގަބޫލު ކޮށްފިނަމަ ރާއްޖެއަށް ގެންނަން މަޖްބޫރުވާނޭ ބަދަލުތަކުގެ މައްޗަށެވެ. މި ފަދަ ނިންމުމެއްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ކަންކަން އެންމެހާ ރައްޔިތުންނަށް ދުރާލާ އެނގިފައި އޮތުމީ މުހިންމު ކަމެއްކަމުގައި ދެކޭތީ އެވެ.
އައިއެމްއެފްގެ އެހީއަށް އެދުނު ގައުމުތަކުގެ ތަޖުރިބާ
ޖުލައި 1997 ގައި މުޅި އޭޝިޔާގެ ބައްރަށް ބޮޑު އިގްތިސޯދީ އަޑިގަނޑަކާ ކުރިމަތިވި އެވެ. "އޭޝިޔަން ފައިނޭންޝަލް ކްރައިސިސް" ގެ ނަމުން މަޝްހޫރު ވެގެންދިޔަ މި އިގްތިސޯދީ މައްސަލަތަކުގެ ފަހަތުގައި ބައިވަރު ކަންކަން ހުރި ނަމަވެސް މައްސަލަ ފަޅައިގެން ދިޔައީ ތައިލެންޑުންނެވެ.
އެ ދުވަސްވަރު އޭޝިޔާގެ ގައުމުތަކުގެ ފައިސާ ހުރީ އެމެރިކާގެ ޑޮލަރަށް "ޕެގް" ކޮށްފަ އެވެ. ނުވަތަ ގުޅުވާލާފަ އެވެ. އެ ގޮތުން ތައިލެންޑްގެ ފައިސާ ކަމަށްވާ "ބާތު" ވެސް ހުރީ ޔޫއެސް ޑޮލަރަށް "ޕެގް" ކޮށް މިއަދު ރާއްޖޭގައި މި ހުންނަ ގޮތަށް "ފިކްސްޑް އެކްސްޗޭންޖް ރޭޓެ"އް ހަމަޖައްސައިފަ އެވެ.
ތައިލެންޑްގެ ސެންޓްރަލް ބޭންކް ކަމަށްވާ ބޭންކް އޮފް ތައިލެންޑްގެ ޑޮލަރު ރިޒާވްގައި އަބަދުވެސް ޑޮލަރު ހުރެއެވެ. ނަމަވެސް އެ ޑޮލަރުގެ ރިޒާވުން ޑޮލަރު ވިއްކަމުން ގޮސް ޑޮލަރު ހުސް ވެދާނެ ކަމުގެ ބިރުހީވެގެން 1997 ވަނަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު، ކުއްލިއަކަށް ތައިލެންޑުގެ ސެންޓްރަލް ބޭންކުން "ފިކްސްޑް އެކްސްޗޭންޖް ރޭޓް" ދޫކޮށްލައި އެ ދުވަހެއްގެ ބަޒާރުގައި ޑޮލަރު ގަންނަން ހުންނަ އަގަކަށް ޑޮލަރު ވިއްކާ އުސޫލު "ފްލޯޓިން އެކްސްޗޭންޖް ރޭޓް" އަށް ބަދަލު ކޮށްލިކަން އިޢުލާން ކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރަކަށް 25 ބާތު ލިބިލިބި ހުރެފައި ކުއްލިއަކަށް ޑޮލަރަކަށް 56 ބާތަށް އަގު ވެއްޓިގެން ދިޔަ އެވެ.
މި ހަބަރު އިންޑޮނޭޝިޔާ އަށް ލިބުމުން އެމީހުންގެ ފައިސާގެ އަގު ވެސް ވަގުތުން ވެއްޓުނެވެ. އޭގެ ފަހުން ފިލިޕީންސާއި ވިއެޓްނާމާއި މެލޭޝިއާ އާއި ސައުތު ކޮރެޔާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ އެކްސްޗޭންޖް ރޭޓްތައް ވެސް ކުއްލިއަކަށް ބަދަލުވެ، އެ ގައުމު ތަކުގައި ވިޔަފާރިކުރާ އެކިއެކި ފަރާތްތަކުން ބޭންކް ތަކުގައި ރައްކާކޮށްފައި ހުރި ޑޮލަރުގެ ޑިޕޮސިޓްތައް ހަފުތާއެއް ނުވަނީސް އެ ގައުމުތަކުން އެހެން ގައުމުތަކަށް ޓްރާންސްފާ ކޮށްލައިފި އެވެ.
އޭޝިޔާގެ ގައުމުތަކުން ނަގައިފައި ހުރި ބޭރުގެ ލޯނުތަކަށް ޑޮލަރުން ފައިސާ ދައްކަންޖެހުމާ، އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި ޑޮލަރުގެ ތާށިކަން މުޅި ސަރަހައްދަށް ބޮޑުވެ މުޅި އޭޝިޔާ، އިގްތިސޯދީ އަޑިގަނޑަކަށް ވެއްޓުނީ އެވެ.
"ޓައިގާ އިކޮނޮމީސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ގައުމުތަކުގެ އުފެއްދުންތެރިކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލި އެވެ. އެތައް ވިޔަފާރިއެއް ބަނގުރޫޓްވި އެވެ. އެތައް ވިޔަފާރިވެރިންނެއް އެމީހުންގެ ގެދޮރު ވިއްކާލަން މަޖްބޫރުވެ، މަގުމަތިވި އެވެ. އެތައް ބޭންކެއް ބަންދުވި އެވެ. މި އިގްތިސޯދީ މައްސަލަގަނޑުގެ އަސަރު ޖަޕާނާއި ޗައިނާ އާއި ބްރެޒިލް އަދި ރަޝިޔާއާ ހަމައަށް ވެސް ފޯރި އެވެ. މި އަޑިގަނޑުން އަރައި ނުގަނެވި ދެ އަހަރަށް ވުރެ ގިނަ ދުވަހު އުޅެންޖެހުނެވެ.
އެ ދުވަސްވަރު މެލޭޝިޔާގެ ބޮޑުވަޒީރަކަށް ހުންނެވީ ޑރ. މަހާތީރު މުހައްމަދެވެ. ސިންގަޕޫރުގައި ގޯ ޗޮކް ޓޮންގެވެ. އިންޑޮނޭޝިޔާގައި ޖެނެރަލް ސުހާޓޯ އެވެ. އެ ގައުމުތަކުގެ އިގްތިސޯދު ހިފެހެއްޓުމަށް މި ދެންނެވި ތިން ވެރިން އެޅުއްވި ފިޔަވަޅުތަކާއި އޭގެ ނަތީޖާއަކީ ކޮބައިތޯ ބަލައިލަމާތޯ އެވެ؟
ސިންގަޕޫރުގެ ފަރާތުން އެމީހުންގެ ރިޒާވް ބޭނުން ކޮށްގެން އިގްތިސޯދު ހިފެހެއްޓި އެވެ. ނަމަވެސް މުސާރަތަކާއި ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރި އެވެ. އަދި ވިޔަފާރިތަކަށް ލުއިތައް ދިނެވެ. އަދި 1998 ވަނަ އަހަރުގެ ޖޫން މަހު ދެ ބިލިއަން ސިންގަޕޯ ޑޮލަރުގެ "ސްޓިމިއުލަސް ޕެކޭޖް" އެއް ތައާރަފުކުރި އެވެ. އަދި އޭގެ އިތުރުން ހަމަ އެ އަހަރު 10.5 ބިލިއަން ސިންގަޕޯ ޑޮލަރުގެ އިތުރު ޕެކޭޖެއް ތަޢާރަފު ކުރިއެވެ. މި އަޑިގަނޑުން ސިންގަޕޯ އަރައިގަތީ އެހެން ގައުމުތަކަށް ވުރެ ކުޑަ ގެއްލުމެއް ލިބިގެނެވެ. އަދި އައިއެމްއެފްގެ ލޯނަކަށް ބަރޯސާ ނުވެއެވެ.
މެލޭޝިޔާ އިން ގަސްތުކުރީ އައިއެމްއެފްގެ އެހީއަށް އެދުމެއްނެތި އެމީހުންގެ އަމިއްލަ ހައްލެއް ހޯދުމަށެވެ. މަހާތީރު އެކުލަވައި ލެއްވީ "ނެޝަނަލް އިކޮނޮމިކް އެކްޝަން ކައުންސިލް" އެކެވެ. އެ ކައުންސިލްގެ ވެރިޔަކީ ވެސް އެ މަނިކުފާނެވެ.
މި ދެންނެވި ކައުންސިލްގައި ސަރުކާރުގެ އިސްވެރިންނާއި ޕްރައިވެޓް ސެކްޓަރުގެ ބޭފުޅުންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ހޮވާލެވިފައިވާ އިޤްތިސޯދީ ސިކުނޑިތައް ވެއެވެ. މި އަޑިގަނޑުން މެލޭޝިޔާ އަރައިގަނެ، ހިންދެމިލެވުނީ ދެ އަހަރުގެ އުނދަގޫ ދުވަސްތަކަކަށްފަހު އެވެ. ނަމަވެސް މުޅިން އާ އިގްތިސޯދުގެ ޗާޓެއް މަހާތީރު ކުރެއްސެވިއެވެ. އައިއެމްއެފް އަށާއި ހުޅަނގަށް ގޮންޖެއްސެވުމަށް ފަހުއެވެ.
ތައިލެންޑާއި އިންޑޮނޭޝިޔާ އިން އެދުނީ އައިއެމްއެފްގެ އެހީއަށެވެ. ތައިލެންޑަށް 17 ބިލިއަން ޑޮލަރުގެ ލޯނެއް އަދި އިންޑޮނޭޝިޔާ އަށް 40 ބިލިއަން ޑޮލަރުގެ ލޯނު ދޭން އައިއެމްއެފުން އެއްބަސް ވިއެވެ. ނަމަވެސް މުހިންމު ޝަރުތުތަކަކާ އެކުގައެވެ. މި ދެންނެވި ޝަރުތުތައް ވެގެން ދިޔައީ ވަރަށް "ހިތި ބޭހަކަ" ށެވެ.
އައިއެމްއެފުން ކުރަނީ ކޮންކަހަލަ ޝަރުތުތަކެއް؟
އައިއެމްއެފުން ކުރިމަތިކުރާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މުވައްޒަފުންގެ އަދަދު ބޮޑު ތަނުން މަދު ކުރުމާއި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމާއި ސަރުކާރުން ދެމުންގެންދާ ސަބްސިޑީތަކާއި ހިލޭ ފޯރުކޮށްދޭ އެހީތައް ހުއްޓާލުމާއި ބައެއް އިދާރާތައް އުވާލުމާއި ސަރުކާރުން ހިންގާ ވިޔަފާރި ކުންފުނިތައް ހުއްޓާލުމާއި މުހިންމު ބައެއް ހިދުމަތްތައް ޕްރައިވެޓައިޒް ކުރުމާއި، ދައުލަތުގެ ބައެއް ހަރުމުދާ ތައް ބޭރުގެ ބޮޑެތި ކުންފުނިތަކައް ވިއްކާލުމާ، ޓެކްސްތަކާއި ފީތައް ބޮޑުކުރުން ފަދަ އުނދަގޫ ފިޔަވަޅުތަކެކެވެ.
މި ދެންނެވި ފިޔަވަޅުތައް އިންޑޮނޭޝިޔާ އަޅައި ނިމުނުއިރު ޖެނެރަލް ސުހާޓޯގެ ސަރުކާރު އަރިއަޅައިލާ ވެއްޓިއްޖެ އެވެ؛ ރައްޔިތުން ނުކުމެ މުޅި ގައުމުގައި މުޒާހަރާކޮށް ޖެނެރަލް ސުހާޓޯ ވެރިކަމުން ބޭލުވީ އެވެ.
ތައިލެންޑުގައި ވެރިކަމެއް ނުވެއްޓެ އެވެ. ނަމަވެސް 56 ފައިނޭންޝަލް އިދާރާއެއް ބަންދުކޮށް، ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑު ކުރި އެވެ. އަދި މަތީފެންވަރުގެ 30،000 ވަޒީފާ ގެއްލުނެވެ. އައިއެމްއެފުން ދިން މި "ހިތި ބޭސް" ބޮއިގެން ރަނގަޅުވިއިރު ސަރުކާރުތައް އެ ފުށްމިފުށަށް ޖެހި، އެތައް ބަޔަކު މަރުވެ، އެތައް ވިޔަފާރިއެއް ބަނގުރޫޓުވެ، އެތައް ބަޔަކު ފަގީރުވެ، ދައުލަތުގެ އެތައް ހަރުމުދަލެއް ވިއްކައި ނިމިއްޖެ އެވެ. އަދި އިގްތިސާދުގެ އަސާސް ތަކައް ގެންނަން ޖެހި ނުގެނެވި ހުރި އެތައް އިސްލާހު ތަކެއްވެސް އައެވެ.
ރާއްޖެއަށް އައިއެމްއެފުން ކުރިމަތިކުރުވާނީ ކޮން ޝަރުތުތަކެއް؟
ސިވިލް ސާވިސް ކުޑަކުރުން
ރާއްޖޭގެ ސިވިލް ސާވިސްގައި 23,647 މީހުން ވަޒީފާ އަދާކުރެ އެވެ. ނަމަވެސް 18،000 މީހުނަށް ސިވިލް ސާވިސް މަދުކުރަން އައިއެމްއެފުން ޝަރުތުކުރާނެ ކަމަށް ލަފާ ކުރެވެއެވެ. އެހެންވެއްޖެ ނަމަ ގާތްގަޑަކަށް 6000 ސިވިލް ސާވަންޓުންގެ ވަޒީފާ ގެއްލޭނެ އެވެ.
ސަރުކާރުގެ ކުންފުނިތައް އުވާލުން
ރާއްޖެއަކީ ސަރުކާރުން ހިންގާ ކުންފުނިތައް ގިނަ ގައުމެކެވެ. މި ގޮތުން ގާތްގަޑަކަށް 67 ކުންފުންޏެއް ސަރުކާރުން ހިންގަ އެވެ. ނަމަވެސް މީގެ ތެރެއިން އެންމެހަ ކުންފުންޏަކުން މެނުވީ ދައުލަތުގެ ބަޖެޓަށް ފައިސާ ދެވޭ ވަރަށް ފައިދާއެއް ނުވެއެވެ. ގިނަ ކުންފުނިތަކަކީ ވަޒީފާދޭ މަރުކަޒުތަކެކެވެ. އައިއެމްއެފްގެ ޝަރުތަކަށް ވާނެ ކަމަށް ލަފާ ކުރެވެނީ ފައިދާ ނުވާ ހުރިހާ ކުންފުންޏެއް އުވާލުމެވެ. ނުވަތަ ޕްރައިވެޓައިޒް ކުރުމެވެ. މި ތަނުން ކޮންމެ ގޮތެއް އިހުތިޔާރުކުރި ނަމަވެސް އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެ އެވެ.
ދައުލަތުގެ ހަރުމުދާ ވިއްކާލުން
ދައުލަތުގެ ފަރާތުން ދެމުން ގެންދާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިޔުއެސްސީ އާއި ދިރާގާއި އެމްއޭސީއެލް އާއި އެމްޕީއެލް އާއި އައިލެންޑް އޭވިއޭޝަން ފަދަ ރާއްޖޭގެ ހަރުމުދާތައް ބަލަހައްޓާ ކުންފުނިތަކުގެ މެޖޯރިޓީ ހިއްސާ ނުވަތަ ހުރިހާ ހިއްސާއެއް ބޭރުގެ ފަރާތްތަކަށް ވިއްކާލަން އައިއެމްއެފުން ބާރު އަޅާނެ އެވެ.
ޕްރައިވެޓައިޒް ކުރުން
ސަރުކާރުން ދެމުން ގެންދާ ހިދުމަތްތަކުގެ ބޮޑު ބައެއް ޕްރައިވެޓައިޒް ކުރުމަށް އައިއެމްއެފުން ބާރު އަޅާނެ އެވެ. އަދި ޕްރައިވެޓް ސެކްޓަރާ ވާދަކުރާ ސަރުކާރުގެ ހިދުމަތްތަކާއި ކުންފުނިތައް އުވާލުމަށް ނުވަތަ ޕްރައިވެޓައިޒް ކުރުމަށް އެދޭނެ އެވެ. މޯލްޑިވްސް ޕޯސްޓްސް ލިމިޓެޑާއި މިފްކޯ އާއި އެސްޓީއޯ ފަދަ ތަންތަން މުޅިން ހުއްޓާލަން އެދޭނެ އެވެ.
ޓެކްސް ބޮޑު ކުރުން
އައިއެމްއެފުން ދޭ ލޯނު އަނބުރާ ދެއްކޭނެކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތަށް އެކި ކަންކަމުގައި ނަގާ ފީތަކާއި ޖޫރިމަނާތަކާއި ޓެކްސްތައް ބޮޑު ކުރުމަށް އައިއެމްއެފުން ޝަރުތުކުރާނެ އެވެ.
ހިލޭ އެހީތަކާއި ސަބްސިޑީތައް ކަނޑާލުން
ސަރުކާރުން މިހާރު ދެމުންގެންދާ އެކިއެކި އިނާޔަތްތަކާއި ސަބްސިޑީތައް ކުޑަ ކުރުމާއި އަދި ބައެއް އިނާޔަތްތައް މުޅިން ކަނޑާލުމަށް ޝަރުތު ކުރާނެ އެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެހީ އާއި، އަޅައިލާނެ މީހަކު ނެތިފައިވާ ކުދިން ބަލަމުންދާ މީހުންނަށްދޭ އެހީ އާއި، އިމަޖެންސީ މެޑިކަލްގެ އެހީ އާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީ އާއި، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދެވޭ އެހީ އާއި އަދި މި ނޫންވެސް އެކިއެކި މި ފަދަ އެހީތަކަށް ޖުމްލަ 2.46 ބިލިއަން ރުފިޔާ ދައުލަތުން ހަރަދު ކޮށްފައި ވެއެވެ.
ޕެންޝަން ސްކީމުން ކުރާ ހަރަދު ކުޑަކުރުން
ދުވަސްވީ މީހުންނަށް ދެވޭ އިނާޔަތްތަކާއި އެކިއެކި ޕެންޝަންތަކަށް 2018 ވަނަ އަހަރު ޖުމްލަ 1.33 ބިލިއަން ރުފިޔާ ދައުލަތުން ހަރަދު ކޮށްފައި ވެއެވެ. މި ހަރަދުތައް ކުޑަކުރަން ނުވަތަ ބައެއް ހަރަދުތައް މުޅިން ކަނޑާލަން އައިއެމްއެފުން ސަރުކާރަށް މަޖުބޫރު ކުރުވާނެ އެވެ.
ހިލޭ ދޭ ހިދުމަތްތަކަށް އަގު ނެގުން
ސްކޫލް ކުދިންނަށް ހިލޭ ދޫކުރާ ފޮތްފަންސުރާއި ނާސްތާ އާއި މި ނޫން ވެސް ސަރުކާރުން ހިލޭ ދޭ ހިދުމަތްތަކުން އަގުނަގަން އައިއެމްއެފުން ސަރުކާރަށް މަޖުބޫރު ކުރުވާނެ އެވެ.
މި ލިސްޓަކީ އައިއެމްއެފުން ލޯނު ނެގި ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިޔާ އާއި ތައިލެންޑާއި ރަޝިޔާ ފަދަ ގައުމުތަކަށް އެ ގައުމުތަކުގައި އަޅަން މަޖްބޫރުވި ފިޔަވަޅުތަކުގެ ތެރެއިން ބަޔެކެވެ. އަދި ދާދި ފަހަކުން ގްރީސް އަށްވެސް މި ޝަރުތުތައް ކުރިމަތި ކުރުވިއެވެ.
އައިއެމްއެފްގެ ޝަރުތުތައް ނުވަތަ އޭގެ ތެރެއިން ބައެއް އައިއެމްއެފުން ހުށަހަޅާނީ "ރިފޯމް" ގެ ގޮތުގަ އެވެ. ހަގީގަތުގައި ވެސް އޭގެ ތެރެއިން ބައެއް ކަންކަމަކީ ރިފޯމެވެ. ކޮންމެހެން ގެންނަން ޖެހިފައި ހުރި ބަދަލުތަކެވެ. އަނެއް ބައި ކަންކަމަކީ "ރިފޯމް" އަށް ވުރެ ބޮޑަށް އައިއެމްއެފަށް ފައިސާދޭ ބޮޑެތި ގައުމުތަކުގެ ވިޔަފާރިތައް ރާއްޖެއަށް ވަދެ، މި ރާއްޖޭގެ މުހިންމު ވިޔަފާރިތައް އެމީހުންގެ އަތްމައްޗަށް ފުރޮޅައިލުމަށް މަގުފަހި ކުރުމަށް ކުރެވޭ ޝަރުތުތަކަކަށް ވެދާނެ އެވެ.
މި ފަދަ ފިޔަވަޅުތަކެއް ސަރުކާރުން އަޅައި ނިމޭއިރު ގިނަ ގައުމުތަކުގައި މުޒާހަރާ އާއި ހަމަނުޖެހުން ބޮޑުވެ، ސަރުކާރުތައް ވެއްޓިގެން ދެއެވެ. ވަރަށް އުނދަގޫ ފައްތަރަކަށް ގައުމުތަކުގެ ހާލަތު ވެއްޓެ އެވެ. އަޅުގަނޑުގެ ދުއާއަކީ ދިވެހި ސަރުކާރުން އައިއެމްއެފްގެ އެހީއަށް އެދެންނުޖެހި، ކޮވިޑް-19 އިގެ ބަލާއާފާތުގެ މި ކަޅު ވިލާގަނޑުން ރާއްޖޭގެ އިގްތިސޯދު ހަމަހިމޭންކަމުގެ އައްސޭރިއަކަށް ވާސިލްވުމެވެ.