މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް13 ގެ ބަސްމަގު ރަނގަޅު ކުރަން އަންގައިފި

ޗެނަލް 13ގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް ނަސޭހަތްދީ ޗެނަލް13 އަށް ބްރޯޑްކޮމްއިން ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ހާއްސަކޮށް އެ ސްޓޭޝަނުން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަމަށް ފާހަގަކުރެވި އަދި ސޯޝަލް މީޑިއާ މެދެވެރިކޮށް ކޮމިޝަނުގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަން ކުރުމަށާއި، އެ ޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތް ވާގޮތުގެ މަތީން ބެހެއްޓުމަށް ބާރުއަޅައި އެކަމަށް އިސްކަންދީގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. އަދި ބްރޯޑްކާސްޓްކުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން މިންގަނޑާ ހިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.