މީހުން

އިނާޔަތު: ހިދުމަތުގެ ދެވަނައެއް ނެތް!

އޭޑީކޭ ހޮސްޕިޓަލްގެ މިހާރުގެ އޯޕީޑީގެ ނާސިން ހެޑް، އިނާޔަތު އަލީ ދީދީގެ މާމައަކީ ކުރީން ތ. ދިޔަމިގިލީ އެންމެ އިސް ސިއްހީ ހިދުމަތްތެރިޔާ އެވެ. ރަށުގެ ފޫޅުމައެވެ. ގޭގެއަށް މީހުން ވިއްސަންދާއިރު އައިޝަތު ހުސައިން، މާމަ ދަރިފުޅުގެ އިނާޔަތު އަތުގައި ހިފައިގެން ދެއެވެ. މާމަގެ އެ ހިދުމަތް ވަރަށް ކައިރިން ފެނުނު ދަރިއަކަށް އިނާޔަތު ވާނެ އެވެ.

އޭގެ ފަހުން ނަރުހެއްގެ ގޮތުގައި އިނާޔަތު ހިދުމަތް ކުރައްވާތާ މިއަހަރަށް 30 އަހަރު ފުރުނީ އެވެ. ނަރުހުންގެ މަސައްކަތަށް އޭނާ ނުކުންނެވުމުގެ ފެށުމަކީ އޭނާގެ މާމަ އާއި މަންމަ އެވެ. އެ ދާއިރާއަށް އޭނާގެ ހިތްޖެހުނީ މާމަ އާއި މަންމަގެ މަސައްކަތް ފެނިގެނެވެ. މާމައަށް ފަހު ރަށުގެ އެންމެ އިސް ފޫޅުމަޔަކަށް އަދި އެންމެ ފަހުގެ ފޫޅުމަޔަކަށް ހުރީ އިނާޔަތުގެ މަންމަ މަރީނާ މޫސާ އެވެ. އިނާޔަތުގެ މަންމަ ސިއްހީ ދާއިރާގައި 40 އަކަށް އަހަރު ހިދުމަތް ކުރެއްވި އެވެ.

"ހަނދާންވޭ ވަރަށް ކުޑައިރު ވެސް މާމަ ގެންގުޅޭ ފޫޅުމައި ފޮށި ހުޅުވައިގެން އޭގައި ހުންނަ އެއްޗިއްސާ ކުޅޭ ހަދާން،" ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ހިތްޖެހުނު ސަބަބު އިނާ ކިޔައި ދެއްވި އެވެ. "ދެން އަހްމަދިއްޔާގައި އުޅެނިކޮށް، އޭރު ނަރުހުން ލާފައި ހުންނަ ޔުނީފޯމާއި ބޮލުގައި އޮންނަ ކެޕް ވަރަށް ރީތިވެ އެ ޔުނީފޯމް ލާ ހިތްވާތީ ސީދާ ނަރުހަކަށް ވާން ބޭނުންވީ."

އާއިލާއިން ވާރުތަވަމުން އައި ސިއްހީ ހިދުމަތުގެ އަގު މިހާރު އަދާ ކުރައްވަމުން ގެންދަވަނީ އިނާ އެވެ. ހިދުމަތުގައި އެހާ ދިގު މައްދަތެއް ހޭދަ ކުރެއްވި އިރު އިނާގެ އަތުގައި އޭޑީކޭގެ ދެވަނަ އެހެން މުވައްޒަފެއްގެ އަތުގައި ނެތް ވަރުގަދަ ރެކޯޑެއް އެބައޮތެވެ. އެއީ އިތުރު އެއްވެސް މުވައްޒިފަކަށް މުގުރާ ނުލެވި އޮތް ހިދުމަތުގެ ރެކޯޑެކެވެ. ނަރުހުންގެ ހިދުމަތަށް ނުކުންނެވި ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ގަޑި ނުޖެހި އޮތުމެވެ. ދުވަހަކުވެސް އިނާ މަސައްކަތަށް ސަލާމް ވިދާޅެއް ނުވެއެވެ.

"އިނާ ދުވަހަކުވެސް ގަޑި ޖެހިފައެއް ނެތް، ސަލާމެއް ބުނެފައެއް ނެތް،" އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހްމަދު އައްފާލް ވިދާޅުވި އެވެ. "އަދި މަސައްކަތުގެ މާހައުލުގައި އެންމެންނާ ގުޅިގެން މަސައްކަތް ކުރާނެ، އެންމެންނަށް ވެސް އޭނާ އާއެކު މަސައްކަތް ކުރަން ފަސޭހަ ވާނެ."

ނަރުހެއްގެ ގޮތުގައި އިނާގެ މަސައްކަތް ފެއްޓެވީ ހޮސްޕިޓަލެއްގެ ގޮތުގައި އޭޑީކޭ ހިންގަން ފެށުމުގެ މާ ކުރިންނެވެ. އަހްމަދިއްޔާ ސްކޫލް ނިންމައި، އޭރު ބާއްވާ ނާސިން އެއިޑް ކޯސް ފުރިހަމަ ކުރުމަށް ފަހު، 1989 ވަނަ އަހަރު، އޭނާ ހިދުމަތަށް ނުކުންނެވީ އޭރު ސަރުކާރުގެ ރަސްމީ ހޮސްޕިޓަލް ސެންޓްރަލް ހޮސްޕިޓަލުންނެވެ. އޭރުން ފެށިގެން މިއަދާ ހަމައަށް، ސިއްހީ ދާއިރާގެ ހިދުމަތުގައި އޭނާ ދެމި ހުންނެވީ އެ ގޮތުގަ އެވެ.

"ރަސްމީ ޑިއުޓީ ފެށުމުގެ އެއް ގަޑިއިރު ކުރިން ގެއިން ޑިއުޓީ ފަށަން،" ގަޑި ނުޖުހި ސަލާމެއް ނުބުނެ ހިދުމަތުގައި އެހާ ގިނަ މުއްދަތެއް ހޭދަ ކުރެއްވުނު ސިއްރަކީ ކޮބައިތޯ ސުވާލު ކުރުމުން އިނާ ކިޔައި ދިނެވެ. "އެއްގަޑިރު ކުރިން ގެއިން ޑިއުޓީ ފަށެމޭ މިބުނީ ޑިއުޓީއަށް ދާން ތައްޔާރުވުމާއި ގެއިން ނުކުމެގެން ސައިކަލަށް އަރައިގެން މަގުތައް ހުރަސްކޮށް ހޮސްޕިޓަލާ ހަމައަށް ދެވޭނެ ވަގުތަށް ދާދެން ކަލްކިއުލޭޓް ކޮށް އެވަރަށް ތައްޔާރު ވެގެން ހުރުން، އެގޮތަށް ޕްލޭންކޮށް ތައްޔާރު ވެގެން ހުރީމަ އެނގޭނެ ހަމަޖެހިލައިގެން ޑިއުޓީ ފެށޭނެކަން."

ސެންޓްރަލް ހޮސްޕިޓަލްގެ ނަރުހެއްގެ ވަޒީފާއަށް އޭރު ނުކުންނެވީ މަހަކު 900 ރުފިޔާގެ މުސާރަ އަކަށެވެ. އެ ހޮސްޕިޓަލްގެ ވަޒީފާ ދޫކޮށް، ދެން އޭނާ ބަދަލުވެ ވަޑައިގަތީ ދިޔަމިގިލީގައި އަމިއްލަ ފަރާތަކުން ހިންގި ކްލިނިކަ ކަށެވެ. އެއީ އޭޑީކޭ ހޮސްޕިޓަލްގެ ދޮރު އިނާއަށް ހުޅުވުމުގެ ފެށުމެވެ.

"ރަށުގައި އޭރު މަސައްކަތް ކުރީ ޑރ. ވެލެންޓީނާ އާއެކު، ދެން އެތަނުގެ ހިދުމަތް ހުއްޓާލުމުން ވެލެންޓީނާ ބުނި ހިނގާށޭ ތިމަންނައާއެކު މާލެ ދާން، އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައި ދޭނަމޭ. އޭރު އައިގޮތަށް އޭޑީކޭގައި މަސައްކަތް ކުރަން ފެށީ،" އިނާ ވިދާޅުވި އެވެ.

އޭޑީކޭ ސްޓާފް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވި ފުރަތަމަ ދިވެއްސަކީ ވެސް އޭނާ އެވެ. އެ ހޮސްޕިޓަލްގެ ނާސިން ސުޕަވައިޒަރެއްގެ މަގާމު ކުރިން އަދާ ކުރެއްވި ނަމަވެސް، އޭނާ އަބަދުވެސް ބޭނުންވަނީ ފީލްޑަށް ނުކުމެ ނަރުހެއްގެ އަމަލީ މަސައްކަތުގައި ބައިވެރެ ވަޑައިގަތުމަށެވެ. އޭޑީކޭ އައުޓް ޕޭޝަންޓް ޑިޕާޓްމެންޓްގެ ނާސިންގެ ހެޑްގެ އިތުރުން އޭޑީކޭގެ ވެކްސިންގެ ކަންކަންވެސް ހަވާލުވެފައި އޮންނަނީ އޭނާގެ އަތްމައްޗަށެވެ.

އޭޑީކޭގެ ނާސިން ޑައިރެކްޓާ މަރްޔަމް ނަޝްރަތު ވިދާޅުވި ގޮތުގައި އެ ދެ މަސްއޫލިއްޔަތުވެސް އިނާ އާ ހަވާލު ކޮށްފައި ވަނީ އޭނާގެ މަސައްކަތާ މެދު ބޮޑު އިތުބާރެއް އޮންނާތީ އެވެ.

"އަޅުގަނޑަށް ޔަގީންކަން އޮވޭ އިނާއާ މެދު، އެހެންވެ އޯޕީޑީގެ ނާސިން ހެޑްގެ އިތުރުން ވެކްސިން ޑިޕާޓެމްނެޓްގެ ކަންކަން ވެސް އިނާ އާ ހަވާލު ކޮށްފައި ވަނީ،" ނަޝްރަތު ވިދާޅުވި އެވެ. "ވަރަށް ބޮޑު ދެ މަސްއޫލިއްޔަތު، އެހެންނަމަވެސް އަޅުގަނޑަށް އެނގޭ ވަރަށް ރަނގަޅަށް އިނާ އެކަންކަން ކުރައްވާނެކަން، އޭގެ އިތުރުން އަޅުގަނޑުމެންގެ ހޮސްޕިޓަލަކީ ޕްރައިވެޓް ހޮސްޕިޓަލެއް ވީމަ، ބޭރު ނަރުހުން ވަރަށް ގިނަ ވާނެ، އަލަށް އަންނަ ޖޫނިއާ ނަރުހުން ތަމްރީން ކުރުމުގައި ވެސް އިނާގެ ދައުރު ބޮޑު ވާނެ."

އިނާއަކީ، އޭޑީކޭގައި މަސައްކަތް ކުރާ ދިވެހި ނަރުހުންގެ ތެރެއިން ހިދުމަތުގައި އެންމެ ދުވަސްވީ އެއް ނަމަވެ. ހިދުމަތުގައި އެހާ ދުވަހު ދެމިހުރުމުގެ ނަތީޖާއަކީ އޭޑީކޭއަށް ވެސް މުހިންމު ޝަހްސިއްޔަކަށް އޭނާ ވުމެވެ.

ހިދުމަތުގައި އެހާ ގިނަ ދުވަސްވީއިރު ގިނަ ގޮންޖެހުންތަކާއެކު ކުރިއަށް ވަޑައިގެން ކާމިޔާބާ ހަމައަށް އޭނާ ގެންގޮސްދިނުމުގައި ފިރިމިހާ އާދަމް އާތިފް އާއި ދަރިފުޅު އައިޝަތު އައިނީ، އަދާ ކުރާ ދައުރު ކުޑައެއް ނޫނެވެ. ކޮންމެ ހަރުފަތެއްގައި އިނާގެ އެންމެ ބޮޑު ސަޕޯޓަކީ އާއިލާ އެވެ.