މީހުން

ހުވަފެންތަކުގައި ކުލަޖައްސަން އޮކްސްފޯޑަށް!

މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ އެވެ. ދުނިޔޭގައި ހޯދޭނެ ކާމިޔާބުތައް ހާސިލްކޮށްފައި ތިބޭ މީހުން އެމީހުންގެ "ސަކްސެސް ސްޓޯރީ" ކިޔައިދޭއިރު އާންމުކޮށް އެ ބަސްކޮޅު ވެސް ބޭނުން ކުރެ އެވެ. އެއީ ތެދެކެވެ. ކާމިޔާބީގެ ފަހަތުގައި އޮންނާނީ ބުރަ މަސައްކަތާއި ގަދަ ހިތްވަރެވެ. އެކަމުގައި ދެބަސްވުމެއް ނެތެވެ.

މިއީވެސް އެފަދަ މިސާލެކެވެ. ކުޑަކުޑައިރުން ފަށައިގެން ވަކި ކަމަކަށް އަޒުމެއް ކަނޑައަޅައި ހުވަފެންތަކެއް ދެކެ އެ ހުވަފެންތަކުގައި ކުލަ ޖައްސަމުން ވަޑައިގެންނެވި ރާއްޖޭގައި މިހާެރު ފާހަގަ ކޮށްލެވޭ ޒުވާން ޑޮކްޓަރެކެވެ. އެ އަޒުމުގައި އަނެއްކާވެސް އެ ވަޑައިގަންނަވަނީ ދުނިޔޭގައި ވެސް ވަރަށް އުނދަަގުލުން ނޫނީ ކިޔަވަން ޖާގަ ނުލިބޭ އޮކްސްފޯޑް ޔުނިވާސިޓީ އަށެވެ.

ފޮނި އުއްމީދު ތަކާއެކު އިނގިރޭސިިވިލާތުގެ އެންމެ ދުވަސްވީ ޔުނިވާސިޓީއަށް މި ހަފުތާގެ ތެރޭ މިނާހް ފާއިޒް ރަޝާދު، 28 ވަޑައިގަތީ އޮކްސްފޯޑަށް މެޑިސިން ކިޔަވަން ދާ ފުރަތަމަ ދިވެހި މީހާގެ ގޮތުގަ އެވެ. އެތާނގައި އޭނާ މާސްޓާ އޮފް ސައިންސް އިން އިންޓަނޭޝަނަލް ހެލްތު އެންޑް ޓްރޮޕިކަލް މެޑިސިން ފުރިހަމަ ކުރައްވާނެ އެވެ.

ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޔުނިވާސިޓި ތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ބަލައިގަންނަ މި ޔުނިވާސިޓީ އަަކީ އާދައިގެ ތަނެއް ނޫންކަން ތަނުގެ ހައިބަތާއި ނަމުންވެސް އެނގެ އެވެ.

މިނާހުގެ ހިތްޕުޅުގައިވެސް އެ ނަން ކުރިންސުރެ ހުވަފެނެއްގެ ގޮތުގައި އޮވެ އެވެ. އެ ހުވަފެން ވަގުތީ ގޮތުން ރައްކާކޮށް، 2011 ވަނަ އަހަރު މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީ އިން އެމްބީބީއެސް ހައްދަވައި އޭޑީކޭ ހޮސްޕިޓަލުގެ ޖެނެރަަލް ފިޒީޝަން އެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ އެވެ. ދެ އަހަރު އަވަސް ފަރުވާގެ ހިދުމަތުގައި ހޭދަ ކުރެއްވުމަށްފަހު ހުވަފެނުގައި ކުލަ ޖެއްސޭތޯ އަތުކުރި އޮޅާލައި މަސައްކަތް ފެއްޓެވީ އެވެ.

ސިއްހީ ދާއިރާ އިން މާސްޓާސް ހަދަން އޭނާގެ ލިސްޓުގައިި އޮތީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އަކާއި އޮކްސްފޯޑެވެ. ލިބުނަސް ނުލިބުނަސް ވަރިހަމަ ކަމަށް ދެ ތަނަށްވެސް އެޕްލައި ކުރެއްވީ އެވެ. އޮކްސްފޯޑު ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވާން މިނާހަށް ފުރުސަތު ލިބި މިހާރު ވަނީ އެ ދަތުރު ފައްޓަވާފަ އެވެ.

"އެންމެ ފުރަތަމަ އެޕްލައި ކުރި އިރު ހިއެއް ނުކުރަން ލިބޭނެ ކަމަކަށްވެސް. އޭރު އެޕްލިކޭޝަންގެ ޑިއުޑޭޓް ހަމަވާން އިނީ ވެސް އެންމެ ދުވަަހެއް އެކަމަކުވެސް އެޕްލައި ކުރީ. އޮސްޓްރޭލިއާގެ ޔުނިވާސިޓީ އަކަށާއި އޮކްސްފޯޑަށް ކުރީ. ވަރަށް އަވަހަށް އެކްސެޕްޓަންސް ލެޓާ ވެސް ލިބިއްޖެ. ވަރަށް އުފާވިި އަސްލު އުއްމީދުވެސް ކުރި ކަމެއް ނޫން މިއީ" އޭޑީކޭގައި މަސައްކަތް ކުރެއްވި މިނާހް ވިދާޅުވި އެވެ.

މިނާހުގެ އޮކްސްފޯޑު ދަތުރަކީ ހަމަ ހުންނަވަނިކޮށް މީހަކު އައިސް އަތަށް ލައިދިން ހަދިޔާއެއް ނޫނެވެ. އެއީ ފަސޭހަ ދަތުރެއް ވެސް ނޫނެވެ. އޭނާ އޮކްސްފޯޑަށް ވަޑައިގަތީ ކިޔެވުމުގައި ރަން ވަނަތަކެއް ހާސިލް ކުރައްވައިގެނެވެ. މޮޅު ނަތީޖާ އަކާއެކު އެވެ. ކުޑަ ކުޑައިރުން ފަށައިގެންވެސް ކިޔެވުމުގައި ނަމޫނާ ދެއްކި ކެވެ.

ކަލާފާނު ސްކޫގައި ކިޔެވި ދުވަސްވަރު ސްކޫލް ޕްރިފެކްޓް ކަމާއި ހައުސް ކެޕްޓަން ކަން ކުރި އެވެ. ޕްރައިމަރީ ނިންމީ ސްކޫލުގެ ބެސްޓް އޯލް ރައުންޑާގެ ސޭޝް އާއި ރަން ތައްޓާއެކު އެވެ.

އެ ކާމިޔާބީއާއެކު ސެކަންޑަރީ ކުރިޔަށް ދިޔައީ ސްރީލަންކާގަ އެވެ. ލަންކާގައި ވެސް އޭނާއަކީ ފާހަގަ ކޮށްލެވޭ ދަރިވަރަކަށް ވިއެވެ.

ހުރިހާ މަސައްކަތެއްގެ ފޮނިކަން މިއަދު މިނާހް އަށް ކުރެއްވެ އެވެ. މިނާހްގެ އިންސްޕަޔަރިން ސަކްސެސް ސްޓޯރީ"އަސްލު މެޑިސިން ކިޔަވަން ބޭނުންވީ ކިޔެވި އިރު ބަޔޯ ވަަރަށް ކަމުދިޔަ ސަބްޖެކްޓަކަށްވީ. ބަޔޯގައި ކިޔައިދޭ އެއްޗެހި ވަރަށް އިންޓްރެސްޓިން. އެކަމަކު ބަޔޯގެ އިތުރުން ވަރަށް ގަޔާވެގެން ކުރި ކަމެއް އެއީ އެކި ކަހަލަ އާޓްގެ މަސައްކަތްތައް. ކްރިއޭޓިވް އާޓް އާއި ޕާފޯމިން އާޓްވެސް" މިނާހު ވިދާޅުވި އެވެ.

ނިންމަމުން އޭނާ ވިދާޅުވީ ކިޔަވައިގެން ބޭނުންފުޅުވަނީ ގައުމަށް ހިދުމަތް ކޮށްދެއްވަން ކަމަށެވެ. މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ އެވެ.