މަސްތުވާތަކެތި

ޑްރަގް ނެޓްވޯކްގެ ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Apr 9, 2020
1

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ނުވަ ކިލޯ ހެރޮއިން އާއި ހަތަރު ގްރާމް ކޮކެއިން އާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

ދިހަ ގެއަކާއި ވެހިކަލްތަކެއް ބަލައި ފާސްކޮށް ނުވަ ކިލޯ ހެރޮއިން އާއި ހަތަރު ގްރާމް ކޮކެއިން އާއި ފައިސާތަކެއް ހޯދައި އެއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައިވަނީ ގދ. ހޯނޑެއްދޫ، އިތުރުމަތީގޭ، އަހުމަދު ސުނައިންއާ، ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހުމަދު ގިޔާސްއާ، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގޭ، އަލީ ޒުބައިރެވެ. މީގެ އިތުރުން މި ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ ގއ. ހޯޑެނދޫ، އަލޯރާ، އަލީ އަރުޝަދެވެ.

އަލީ އަރުޝަދުގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޕްރޮސިކިއުޓާ ޖެނަރަލް ދައުވާގައި އެދިފައިވަނީ އެ ވިޔަފާރިކޮށްގެން ލިބުނު ކަމަށް ތުހުމަތުވާ 1،535،110 ރުފިޔާ އާއި 146،731 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ.

މި ދައުވާ އުުފުލާފައިވަނިކޮށް ކޯޓުން އޭނާ ދޫކޮށްލިއެވެ. އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ގާޒީ ވަނީ އަލުން މައްސަލަ މުރާޖައާކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްގައި ހުރި ގިނަ އަދަދެއްގެ ފައިސާއަކީވެސް މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ ބޭންކް އެކައުންޓްވެސް ވަނީ ފްރީޒް ކޮށްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލާގައި 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.