ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވަޒީފާއާބެހޭ ޓްރައިބިއުނަލް

ޓްރިބިއުނަލްއިން ވީޑިއޯ ކޮންފަރެންސްކޮށް މައްސަލަ ބަލަނީ

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަތައް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މިއަދު ވަނީ މި ހާލަތުގައި އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ ހާއްސަ އުސޫލެއް އެކުލަވާލާ އާންމުކޮށްފައެވެ.

އެގޮތުން ޓްރައިބިއުނަލްއަށް އީމެއިލް މެދުވެރިކޮށް މައްސަލަ ހުށައެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި މައްސަލަ ބެލޭނެކަން ނުވަތަ ނޫންކަން ނުވަތަ މައްސަލަ އަނބުރާ ގެންދިއުމަށް އެދެވޭނެ ފުރުސަތުވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މައްސަލަތަކުގެ އަޑުއެހުންތައް އެގޮތަށް ބާއްވަން އިސްކަންދޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުުރުން މައްސަލައަށް ޖަވާބުދާރީވާނެ ގޮތްތަކާއި، ހާޒިރުވުމުގެ އަމުރު ރައްދު ކުރެވޭނެ ގޮތްތަކާއި، މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތާއި، އެނޫންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ދޭ ހިދުމަތްތައް ހޯދޭނެ ހުރިހާ ގޮތްތަކެއް ވަރަށް ތަފްސީލްކޮށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އައު އުސޫލާއި ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ވަޒީފާ އަދާކުރާ މީހުންގެ ހައްގުގައި އެ އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުން ގެންދާނެ ކަމަށެވެ.

އަދި މިހާލަތުގައި ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކާއި އެއްގޮތަށް ރައްކާތެރިކަމާއެކު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަތައް ބެލޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޓްރައިބިއުނަލްގައި ގާއިމް ކުރެވުނު ވިޑިއޯ ކޮންފަރެންސް ނިޒާމަކީ މިހާލަތަށް ބެލުމަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގެ މަސައްކަތުން ގާއިމް ކުރެވުނު ނިޒާމެއްކަންވެސް އަމްޖަދު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް19 އާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒިފުންގެ ވަޒީފާ ގެއްލި، ވަޒީފާ ދޭ ފަރާތްތަކުން މުވައްޒިފުންނާމެދު ގާނޫނާ ހިލާފަށް އަމަލުތައް ކުރަމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ މިފަދަ ވަގުތެއްގައި ފަސޭހައިން މައްސަލަ ހުށައަޅާ، މައްސަލަތައް ބެލޭނެ ނިޒާމެއް ޓްރައިބިއުނަލްއިން ގާއިމްކުރުމަކީ މުވައްޒިފުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.